26 Jun 2018, 11:29
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެނަސަލްކޮށްފި އެވެ.
ގިނަ ދުވަސްތަކަކަށް މެދުކެނޑިފައިވާ އެ މައްސަލާގެ އަޑުއެހުމަށް މިއަދަށް ތާވަލުކުރުމަށް ފަހު ކަންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ގެންދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ތައްޔާރުވުމަށް އަންގައިފަ އެވެ.
ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނަވައިގެން އެކި ފަހަރު މަތިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ވަކިގޮތަކަށް ހުކުމްތައް ނެރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުއައްވާފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ފެބްރުއަރީ އެކެއްގެ އަމުރަށް ފަހު އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް މެދުވެރިކޮށް ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި އެރޭ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް، ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެ އެވެ.
ދުރާލާ ރާވައިގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ކޮށްފައިވާ ކުރީގެ ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވާ ހުރިހާ ތުހުމަތުތަކަކަށް ވެސް އިންކާރު ކުރައްވައިފަ އެވެ.
ރައީސް މައުމޫނުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 33 ހެއްކެއް ހުށަހަޅައިފަ އެވެ.
ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރައީސް މައުމޫން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ ރައީސް މައުމޫންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރައީސް މައުމޫނުގެ މައްޗަށް މިހާރު ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.