26 Jun 2018, 11:32
ކުޅުންތެރިއަކަށް އުޅަނބޮށިން ހަމަލާ ދީފިނަމަ އޮންނާނީ ރަތް ކާޑު ދައްކަން ކަމަށާއި، ފީފާގެ އެ ގަވާއިދުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނޫނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އިސްތިސްނާ ނުވާނެ ކަމަށް އިރާންގެ ކޯޗު ކާލޯސް ކުއެރޯޒް ބުނެފިއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ރޭ އިރާނާއި ޕޯޗުގަލް ވާދަކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޕޯޗުގަލް ގަދަ 16އަށް ދަތުރުކޮށްފައިވާ އިރު، އިރާނަށް ގަދަ 16ގެ ފުރުސަތު ގެއްލުނީ ހަނި ފުރުސަތަކުންނެވެ.
ރޭގެ މެޗުގެ ދެވަނަ ހާފް ވެގެންދިޔައީ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ހާފަކަށެވެ. ހާއްސަކޮށް ތިން ފަހަރެއްގެ މަތިން ވީއޭއާރްގެ އެހީގައި ރެފްރީ ވަނީ ގޮތް ނިންމައިފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ރޮނާލްޑޯ، އިރާންގެ ކުޅުންތެރިއެއް ގައިގައި ބޯޅަ ނެތި ޖެހުމުން ރެފްރީ ކުޅުން ހުއްޓުމަށްފަހު ވީއޭއާރް ރިވިއުކުރިއެވެ. ރޮނާލްޑޯގެ އުޅަނބޮށިން އިރާންގެ ކުޅުންތެރިއާގެ މޫނަށް ހަމަލާދިންތަން ފެނުނު ނަމަވެސް ރެފްރީ ނިންމީ ރަތްކާޑު ދައްކާ ވަރުގެ ފައުލެއް ނޫން ކަމަށެވެ. ރީނދޫ ކާޑަކާއެކު ރޮނާލްޑޯ ސަލާމަތްވިއެވެ.

ޕޯޗުގަލްއާއި އިރާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
އެ ނިންމުމާ ގުޅިގެން މެޗު ތެރޭގައިވެސް ކުއެރޯޒް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އިރު، ރެފްރީ ވަނީ އޭނާ ބެންޗުން ފޮނުވާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފައެވެ.
"ވީއޭއާރްއިން ރިވިއު ކުރަން މަޑުކުރީ. ފެންނާނެ އުޅަނބޮށިން ހަމަލާ ދޭތަން. ގަވާއިދުގައި ބުނާ ގޮތުން އެއީ ރަތް ކާޑެއް. އޭގައި ނީންނާނެ މެސީ ނޫނީ ރޮނާލްޑޯ އިސްތިސްނާ ވާގޮތަކަށް،" މެޗަށްފަހު ވާހަކަ ދައްކަމުން އިރާންގެ ޕޯޗުގަލް ކޯޗު ކުއެރޯޒް ބުންޏެވެ.
ކުއެރޯޒް ބުނެފައި ވަނީ ވީއޭއާރް މިހާރު ބޭނުންކުރާ އުސޫލުން ބޭނުން ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި، ވީއޭއާރް ރެފްރީންނާއި މެޗުގެ ރެފްރީއާ ދެމެދު ދެކެވޭ ވާހަތައް އެންމެނަށް އަޑުއިވެން ޖެހޭ ކަމަށެވެ.
"މިހާރު ނޭނގޭ ނިންމުން ނިންމާ ރެފްރީއެއް. ދެ ރެފްރީން ސިއްރުން ދައްކާ ވާހަކައަކަށް މެޗުގެ ނަތީޖާ ބުރަވެގެން ނުވާނެ. އަހަރެން އިންފެންޓީނޯއަށް ދޭން ބޭނުންވާ މެސެޖަކީ، ވީއޭއާރް މިހާރު އޮތް ގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ މެސެޖު. ވީއޭއާރް ބޭނުން ކުރަންޏާ މިހާރަށްވުރެ ސާފްކޮށް އެނގެން އެބަ ޖެހޭ ދެ ރެފްރީން ދައްކާ ވާހަކަ،" ކުއެރޯޒް ބުންޏެވެ.
މެޗުގެ ފަހު ހާފްގައި އިރާނުން ގިނަ ފަހަރެއްގެ މަތިން ޕެނެލްޓީއަށް އެދިފައިވާ އިރު، ކުއެރޯޒް ބުނީ ރެފްރީ އަތުން ހަމަ ޔަގީނުންވެސް އިރާނަށް ދޭން ޖެހޭ ޕެނެލްޓީއެއް ނުދީ ދިޔަ ކަމަށެވެ.