26 Jun 2018, 10:53
ރާއްޖެ ބަދުނަމާކޮށް އަމިއްލައަށް އަރުވާލެވިގެން ބޭރު ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން އެހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ރަށްވެއްސަކަށް ވުމަށް ފަހު 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ކަނޑައެޅުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވަމުންނެވެ.
ނިހާން ވިދާޅުވީ އެ އިސްލާހު އޭނާ ހުށަހެޅުއްވީ ވަރަށް މަތިވެރި ސަބަބުތަކަކަށް ޓަކައި ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރުގައި ގިނަ ދުވަސަތަކެއް ވަންދެން އުޅުއްވުމަށް ފަހު ކުއްލިއަކަށް ރާއްޖެ ވަޑައިގެން ވެރިކަމަށް އަރައިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން އަންނަ ކަމަށާއި އެ ފަރާތްތަކަށް ރަނގަޅަށް ދިވަހިބަހުން ވާހަކަ ދައްކަން ވެސް ނޭނގޭ ކަމަށެވެ.
"ހުސް އެކަނި ރައްޔިތުކަން ދޫކޮށްލާފައި ބޭރުގައުމެއްގައި މުޅި އުމުރު ހޭދަކޮށްފައި ކުއްލިއަކަށް މިދެންނެވި ހުވަފެނުން ހޭލެވިގެން ރާއްޖެ އަންނަ މީހާގެ ވާހަކަ އެކަންޏެއް ނޫން މިކަމުގައި އޮންނަންވީކީއެއް،" ނިހާން ވިދާޅުވި އެވެ.
އެގޮތުން ރާއްޖެ ދޫކޮށް ބޭރު ގައުމުތަކަށް ހިޖުރަކުރައްވައި ރާއްޖެ ބަދުނާމުކޮށް ބޭރުގެ އެކި އެކި ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.
"މިވާހަކަ ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުނަށް އަހަން ދަތި ވެދޭނެ. ނަމަވެސް އެކަހަލަ މީހުނަށް ހެޔޮވާނެ އެހެން ގައުމެއްގެ ބެލެނިވެރިކަމުގެ ދަށުގައި އަޅުގަނޑުމެން އޮންނަން ވެސް. އަޅުގަނޑުމެނަށް އެގޮތް ކަމަކު ނުދާނެ،" ނިހާން ވިދާޅުވި އެވެ.
އިދިކޮޅު އެއްވެސް މެންބަރެއް ބައިވެރިވެފައިނުވާ އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ނިހާންގެ ހިޔާލުފުޅަށް ތާއިކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އެގޮތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވަނީ ބޭރުގެ ހިމާޔާތް ހޯއްދެވުމަށް ފަހު، އެ ހިމާޔާތް ދޫކޮށްލިތާ 10 އަހަރު ވުމުގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ހެދުމަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
"އަޅުގަނޑުމެން އެބަޖެހޭ އެ ދޫކޮށްލާ ބޭފުޅަކު މި ރާއްޖޭގެ މި މާހާލުގައި ދިރިއުޅެމުންދާ ކަންތައްތަކާއި އޭނާގެ ދީނީ ޝައުގުވެރިކަމާއި ހާއްސަކޮށް އަޅުގަނޑުމެންގެ މި ތަރިކައާ ދޭތެރޭގައި އޭނާގެ ހުރި ލޯތްބާއި މިކަންތައް ދެނެގަތުމަށް މުއްދަތުތަކެއް ނަގާނެ،" ޖަމީލް އުސްމާނު ވިދާޅުވި އެވެ.