26 Jun 2018, 11:26
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ފުޓުބޯޅަ އޮނިގަނޑަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހާއްސަކޮށް އަތޮޅު ތެރޭގެ ޓީމުތައް ގަލޮޅު ދަނޑަށް ނެރުމަށް، ދިވެހި ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތައް ވާދަކުރާ ގޮތަށް ހެދުމުން އަތޮޅު ފުޓުބޯޅަ ވަނީ ފޯރި ގަދަވެފައެވެ.
އެހެން ނަމަވެސް އެތަކެއް ދަތިތަކަކާއެކު ދިވެހި ޕްރިމިއާ ލީގަށް އަންނަ އަތޮޅު ތެރޭގެ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގު ވެގެންދަނީ ހުރިހާ ގޮތަކުންވެސް ޗެލެންޖަކަށެވެ. ހާއްސަކޮށް ޓީމެއްގެ ގޮތުގައި މަދު ދުވަސްތަކެއްގައި ފަރިތަކޮށް، ވާދަކުރަން މި ޖެހެނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކްލަބުތަކާއެވެ.
"އަސްލު އެއް ލެވެލްއެއްގެ ޓީމުތަކަކާއެއް ނޫން ވާދަކުރަން މި ޖެހެނީ. އެކަމަކު އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. ކޮންމެ ގޮތެއް ވިޔަސް ވާދަކުރަން މި ޖެހެނީ ރާއްޖޭގެ އެންމެ ވަރުގަދަ ބޮޑެތި ކްލަބުތަކާ. ފެށުނީއްސުރެ ޓީމެއް ގޮތުގައި އެޓީމުތަކުން މި ފަރިތަކުރަނީ. އަހަރެމެން ކޮންމެ މުބާރާތަކަށްވެސް ވަކިން ޓީމެއް މި އެކުލަވާލަނީ،" ޕްރިމިއާ ލީގަށް ތައްޔާރުވަމުންދާ ފ. ނިލަންދޫގެ އެސިސްޓެންޓް މެނޭޖަރު ވަޖީހު މޫސާ 'ސަން ސްޕޯޓްސް'އަށް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީއާއެކު ނިލަންދޫން ފަރިތަކުރުންތައް ފެށިތާ ހަފްތާއެއް ވަރު ވެއްޖެއެވެ. 2008 ވަނަ އަހަރު ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕް އުފުލާލި ރަން ކެޕްޓަން، އައްސަދަކީ މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ކްލަބު ވެލެންސިއާގެ ޒުވާން ޓީމުގެ ކެޕްޓަން ކަންވެސް ކުރި ހުނަރުވެރި ޑިފެންޑަރެކެވެ. އަދި މި އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ހދ. ނެއްލައިދޫގެ ކޯޗުގެ މަގާމުންވެސް އައްސަދު ފެނިގެންދިޔައެވެ.

ނިލަންދޫން އައްސަދާއެކު ފަރިތަކުރުންތަކުގައި ---
ރާއްޖޭގެ އެންމެ ބޮޑު ލީގަށް ނިލަންދޫ ނުކުންނަ އިރު، ޓީމަށް އޮތް އެންމެ ބޮޑު އިތުބާރަކީވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަން ލެެވެލްގައި އައްސަދުގެ ތަޖުރިބާއެވެ.
"އައްސަދަކީ އެންމެނަށް އެނގޭ ކެޕްޓަން. އޭނާއަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް. ޓާގެޓް މިކުރަނީ ފުރަތަމަ ބުރުގައި ނަތީޖާ ރަނގަޅުކޮށް، ދެވަނަ ބުރަށް ދިއުމަށް. ބައެއް ދަތިތަކާއެކުވެސް މިކަން ވެގެންދާނީ ވަރަށް މުހިއްމު ތަޖުރިބާއަކަށް. ކޮންމެ މެޗަކަށް އަންނާނީ ރަށުން، ވަރުބަލިކަންވެސް އިހުސާސްކުރެވޭނެ، އެކަމަކު ހިތްވަރު ކުރާނެ ހުރިހާ ކުޅުންތެރިންވެސް،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު އިތުރަށް ވިދާޅުވީ ނިލަންދުއަށް ޕްރިމިއާ ލީގުގައި އެންމެ މުހިއްމު ކަމަކަށްވާނީ ލިބޭ ތަޖުރިބާ ކަމަށެވެ. ނިލަންދޫ ޓީމުން ހުނަރުވެރި ކުޅުންތެރިންތަކެއް ގައުމީ ދަނޑަށް ނެރެދެވުމަކީ ޓީމަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

ނިލަންދޫގެ ޓީމު މިނިވަން ޗެމްޕިއަންޝިޕްގެ ތެރެއިން ---
މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކަށް ފ. ނިލަންދޫ ގެންދިއުމުގެ ފަހަތުގައިވެސް ހުރީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑެކެވެ. ލިރުގާމް ސައީދު (ލަރޭ) އެވެ. އޭނާއާއެކު ޓީމު މިނިވަން ޗެމްޕިއަންޝިޕް ސެމީ ކުޅުނު އިރު، ޓީމުގައި އެންމެ މުހިއްމު ކުޅުންތެރިން ޕްރިމިއާ ލީގަށް އަންނާނެއެވެ. ހާއްސަކޮށް ޓީމުގެ ފަހަތުން މޮޅު ކުޅުމެއް ދެއްކި ގާނާގެ ޑިފެންޑަރު މާލީ ހަބިއްލާވެސް ޕްރިމިއާ ލީގުގައި އެޓީމުން ފެންނާނެއެވެ.
ނިލަންދޫގެ ޓީމުން ބުނީ އިތުރު ދެ ބިދޭސީ ކުޅުންތެރިން ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށާއި، ނަތީޖާ ނެރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަަމަށެވެ. ޕްރިމިއާ ލީގުގައި ނިލަންދޫ ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ.