26 Jun 2018, 11:09
ވައިޓްހައުސް (ޖޫން 26) : އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް އަލުން ދިރުވުމުގައި އެމެރިކާއިން ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއަށް ވަޑައިގެން އުޅުއްވާ އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނައާ ވައިޓްހައުސްގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސުލްހައިގެ ވާހަކަތައް އަލުން ދިރުވުމުގެ މަޝްރޫއެއް އޭނާގެ ސަރުކާރުން ނެރުމަށް ތައްޔާރުވަމުންދާ ކަމަށާ އެމަޝްރޫޢަށް އަމަލީ ސިފަ ގެނައުމަށް އުރުދުންގެ އެއްބާރުލުން ބޭނުންވާނެ ކަމުގައެވެ. ނަމަވެސް އެ މަޝްރޫޢާ ބެހޭ ތަފްސީލް އަދި މަޝްރޫއު އިޢުލާނުކުރާނެ ވަގުތު ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރްމަޕާއި އަބްދުﷲ ރަސްގެފާނުގެ މަޝްވަރާތައް ބިނާކުރެއްވީ ދެގައުމުގެ ގުޅުންތައް ބަދަހިކުރުމާ އަދި ފަލަސްތީނު މައްސަލައިގެ އިތުރުން ސީރިއާގެ ހަނގުރާމައާއި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ ޖަމިއްޔާ "އޮނަރުވާ" ގެ ދައުރާ ބެހޭގޮތުންނެވެ. ޓްރަމްޕް ވަނީ ފަލަސްތީނު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި "އޮނަރުވާ"އަށް އެމެރިކާ ދޭ މާލީ އެހީގެ ބޮޑުބައެއް ކަނޑާލައްވަފައެވެ.
މިކަމުގެ ހުރިހާ ގެއްލުމެއް ލިބެނީ ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށެވެ. "އޮނަރުވާ"އިން ދޭ އެހީތައް މަދުވުމާއެކު ފަލަސްތީނު ރެފިއުޖީންނަށް އިތުރު އެހީތައް ދޭން އުރުދުންއަށް މަޖްބޫރުވުމުން އުރުދުންގެ ބަޖެޓަށްވަނީ ބާރުބޮޑުވެފައެވެ. އުރުދުންގެ ރައްޔިތުންގެ 60 އިންސައްތަ މީހުންނަކީ ފަލަސްތީނު ދަރިކޮޅުގެ މީހުންނެވެ.
ފަލަސްތީނުން ވަނީ އެމެރިކާ މަސައްކަތްކުރަނީ އިސްރާއީލު ބޭނުންވާ ސުލްހައެއް ގަބޫލުކުރަން ފަލަސްތީނަށް މަޖްބޫރުކުރަން ކަމަށް ތުހުމަތުކޮށް ޓްރަމްޕްގެ ސަރުކާރަށް ފާޑުކިޔާފައެވެ. ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ ސާއިބު އުރައިގާތު ވަނީ އެމެރިކާ މަސައްކަތްކުރަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރު ވައްޓާލުމަށްފަހު އެމެރިކާއާއި އިސްރާއީލުގެ ބޭއިންސާފު ސުލްހަ ގަބޫލުކުރާނެ ފަލަސްތީނުގެ ޚާއިނުންތަކެއް ފަލަސްތީނުގެ ވެރިކަމަށް ގެނައުމަށް ކަމަށް ވިދާޅުވެ ޓްރަމްޕްގެ ސަރުކާރު ކުށްވެރި ކުރައްވާފައެވެ.
މިގޮތުން ފަލަސްތީނުގެ މިހާރުގެ ވެރިންގެ ބަދަލުގައި އެމެރިކާއާއި އިސްރާއީލުގެ އެދޭ ސުލްޙައެއް ގަބޫލުކުރާނެ ފަލަސްތީނުގެ ޚާއިނުންތަކެއް ފަލަސްތީނުގެ ވެރިކަމަށް ގެނައުމަށް އެމެރިކާ މަސައްކަތްކުރާކަން ޓްރަމްޕްގެ މުސްތަޝާރު އަދި އޭނާގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ ދާދިފަހުން ދެއްވި ބަޔާނުން ސާފުވެފައިވާ ކަމަށް އުރައިގާތު ވިދާޅުވިއެވެ.
ޔަހޫދީއެއް ކަމަށްވާ ކުޝްނާ ވަނީ އެމެރިކާ ހުށަހަޅާ ސުލްހައިގެ ޕްލޭން ފަލަސްތީނުގެ ރައްޔިތުން ގަބޫލްކޮށްފާނެތީ ފަލަސްތީނުގެ ވެރިން ބިރުގަންނަ ކަމަށާ އެއަށްވުރެ ރަނގަޅު ވެރިން ފަލަސްތީނަށް ބޭނުންވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ފަލަސްތީން ސަރުކާރުން ވަނީ ޓްރަމްޕް ހުށަހަޅުއްވާ ސުލްހައިގެ މަޝްރޫއަށް ތާއީދު ނުކުރުމަށް ނިންމައި އެމަޝްރޫއާ ގުޅޭ ވާހަކަތަކުގައި ބައިވެރިވުމަށްވެސް ދެކޮޅު ހަދާފައެވެ. އަދި އެމެރިކާއިން ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް ބަލައިގަތުމާއެކު ފަލަސްތީން ސަރުކާރުންވަނީ އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ސުލްހައިގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް ނިންމާފައެވެ.
ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްވަނީ ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް ގަލޫކުރުންފަދަ އިސްރާއީލު ހިންގާ އިސްތިއްމާރީ އަދި ޣައިރު ގާނޫނީ އަމަލުތަށް އެމެރިކާ ގަބޫލުކުރުމަކީ ސުލްހައިގެ ކަންކަމުގައި ނަޒާހަތްތެރިކަމާއެކު މެދުވެރިއެއްގެ ބައި އަދާކުރުމުގެ ފުރްސަތު އެމެރިކާ އަމިއްލައަށް ނަގާލުންކަމަށް ވިދާޅުވެ އެމެރިކާ އިސްނަގައިގެން ކުރިޔަށްގެންދާ ސުލްހައިގެ އެއްވެސް ކަމެއްގައި ފަލަސްތީނު ބައިވެރި ނުވުމަށް ނިންމަވާފައެވެ.
ޓްރަމްޕްގެ ސުލްޙައިގެ މަޝްރޫއަށް ފަލަސްތީނު ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އެމެރިކާ ގެންދަނީ ގަލްފުގެ އަރަބި ގައުމުތައް މެދުވެރިކޮށް ޣައްޒާގައި ދަތި ހާލުގައި އުޅެމުންދާ ފަލަސްތީނު ރައްޔިތުންނަށް އިންސާނީ ބޮޑެތި އެހީތަކެއް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެމެރިކާ މަސައްކަތްކުރަނީ ފަލަސްތީނުގެ ހައްގުތައް އެއްފަރާތްކޮށް ފަލަސްތީނުގެ މައްސަލައަކީ އިންސާނީ އެހީގެ މައްސަލައަކަށް ހަދަން ކަމަށްވެސް ފަލަސްތީނުންވަނީ ތުހުމަތުކޮށްފައެވެ.
ފަލަސްތީނުގެ މައްސަލަ އިންސާނީ އެހީގެ މައްސަލައަކަށް ހެދުމަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާއި ބިމާއި އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގު ނިގުޅައިގަތުމަށްޓަކައި އިސްރާއީލުން ވަރަށް ކުރީއްސުރެ ރާވާފައިވާ ސްޓްރެޓީޖިކް ރޭވުމެކެވެ. ޓްރަމްޕްގެ ސަރުކާރުން ގެންދަނީ މިރޭވުން ތަންފީޒުކުރަން މަސައްކަތް ކުރަމުންކަމަށާ ނަމަވެސް ފަލަސްތީނު ރައްޔިތުން މިމަޝްރޫޢު ނާކާމިޔާބު ކޮށްލާނެކަމަށް އުރައިގާތު ވިދާޅުވެއެވެ.
ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާ ހުށަހަޅަން ތައްޔާރުވަމުންދާ ސުލްހައިގެ މަޝްރޫޢު ބިނާވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިސްރާއީލުގެ ކޮންޓްރޯލް ނުގެއްލޭގޮތަށް އަދި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއްވެސް ނުއުފެދޭގޮތަށް ފަލަސްތީނުގެ ގިނަ ބިންތަކެއް އިސްރާއީލުގެ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމުގެ މައްޗަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލު ވެރިވެގެންފައިވާ ގުދްސަކީ އިސްރާއީލުގެ ތަނެއް ކަމަށް އެމެރިކާ ގަބޫލުކޮށްފައިވާއިރު ފަލަސްތީނުގެ ދައުލަތުގެ ވެރިރަށް ކަމުގައި ހަދަން ފަލަސްތީނުން ނިންމާފައިވަނީ ގުދްސުގެ އިރުމަތީ ފަޅިއެވެ.
(ނޫސްއެޖެންސީތައް)