ރާއްޖެ އިން ރަޝިޔާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ޝަފީރަކަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު މެންދުރު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި މުންދުއަށް ރުހުން ދޭން ފެންނަ ކަމަށް ޖަލްސާގައި ބައިވެރިވި 36 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެފައެއް ނުވެއެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުންދު ރަޝިޔާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް ހަމަޖެއްސުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދަވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފައެވެ.

އެ ކޮމެޓީން ނިންނީ އޭނާއަށް ރުހުން ދިނުމަށެވެ.

ރަޝިއާ އަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް މުންދު އައްޔަނު ކުރިނަމަވެސް ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ސަފީރުގެ މަގާމުގައިވެސް މުންދު ދެމި ހުންނާނެއެވެ. ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަނު ކުރުމުން ރަޝިއާ އަށް ވަޑައިގަންނަވާނީ ބައްދަލުވުމެއް އޮވެއްޖެ ނަމަ ނޫނީ މަސައްކަތެއް އޮވެއްޖެ ނަމަ ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ އޭނާ ރެޒިޑެންޓުކޮށް ހުންނަވާނީ ސްރީލަންކާގައި ކަމަށެވެ.

ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ މުންދު މި ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމެވެ. އޭގެ ފަހުން ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުވެސް އަދާކުރެއްވިއެވެ.

ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރެއްވި މުންދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.