އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ރޮކެޓް ކުންފުނި، "ބްލޫ އޮރިޖިން" އިން ޖައްވަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ބްލޫ އޮރިޖިންއަކީ ޖެފްގެ ސްޕޭސް ޓޫރިޒަމް ސްޓާޓް އަޕްއެވެ. ބްލޫއޮރިޖިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ވިދާޅުވީ ފަތުރުވެރިން ގޮވައިގެން ޖައްވަށް ދާން ބްލޫ އޮރިޖިން ތައްޔާރުވެފައިވާ ކަމަށާއި އަންނަ އަހަރު ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ.

މި ދަތުރުތައް ފެށުމުގެ ކުރިން އެމީހުން މިހާރު ދަނީ ޓެސްޓު ދަތުރުތައް ކުރަން ތައްޔާރު ވަމުންނެވެ.

ޓިކެޓް ވިއްކާނެ އަގެއް، އަދި ޓިކެޓް ވިއްކަން ފަށާނެ ސީދާ ތާރީޚެއް އަދި އާންމެއް ނުކުރެއެވެ.

ބްލޫ އޮރިޖިންގެ އިތުރުން އެމީހުންގެ އެންމެ ވާދަވެރި ސްޕޭސް އެކްސް އިން ވެސް މިހާރު ވަނީ ފަތުރުވެރިން ގޮވައިގެން ޖައްވަށް ދާން ތައްޔާރުވެފައެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ ޖައްވަށް ފަތުރުވެރިން ގެންދަން ޓިކެޓް ވިއްކައިފައެވެ. އެގޮތުން ބައެއް ކުންފުނިތަކުން ވިއްކި ޓިކެޓުތައް ވަނީ 2021 އާ ހަމައަށް ބުކްކޮށް ނިންމައިފައެވެ.

ޓިކެޓް ގަތް މީހުންނަށް އޮތް އެންމެ ބޮޑު މާޔޫސް ކަމަކީ މި ދަތުރު ދެވޭނެ ސީދާ ދުވަހެއް އަދި ނޭނގުމެވެ.