ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބެލެވޭ ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް އާ ބެހޭގޮތުން ޕްރިޔަންކާގެ މަންމަ، މަދޫ ޗޯޕްރާ ވާހަކަ ދައްކައިފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މަދޫ ބުނީ ނިކް އާ އަދި ބައްދަލުވީ އެންމެ ފަހަރަކު ކަމަށާއި، އެހެންކަމުން އޭނާ އާމެދު އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށެވެ.

"ނިކް އާ ދިމާވީ އެންމެ ފަހަރަކު. އޭރު އެތަނުގައި އިތުރު 10 ވަރަކަށް މީހުން ވެސް ތިބި. އެހެންވީމަ މާގިނަ ވާހަކަތަކެއް ދައްކާނެ ފުރުސަތެއް ނުލިބުނު،" މަދޫ ބުނެފައިވެ އެވެ.

ޕްރިޔަންކާ އާއެކު ވަގުތު ހޭދަކުރުމަށް ނިކް މިވަގުތު ހުރީ އިންޑިއާގައެވެ. ބުރާސްފަތި ދުވަހު މުމްބާއީއަށް ދިއުމަށްފަހު ދެމީހުން ވަނީ ޕްރިޔަންކާގެ އާއިލާއާ އެކު ވަގުތު ހޭދަކޮށްފައެވެ.

ދެމީހުންގެ ގުޅުން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ނިކް ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ޕްރިޔަންކާގެ ވީޑިއޯއެއް ލައިފައެވެ. އެއީ ދެމީހުންގެ ގުޅުމަށް ނިކް އެއްބަސްވުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ މެޓް ގާލާ ކާޕެޓުންނެވެ. އޭރުވެސް ދެމީހުންގެ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ދިޔައީ ބުނަމުންނެވެ.

ނަމަވެސް ދެމީހުން "ޑޭޓް" ކުރަން ފެށި ކަމަށް ބެލެވެނީ ވަރަށް ފަހުންނެވެ. ޕްރިޔަންކާ ވަނީ ނިކްގެ އާއިލާ މެމްބަރެއްގެ ކައިވެނީގެ ހަފްލާގައި ވެސް ބައިވެރިވެފައެވެ. އަދި ނިކްގެ އާއިލާ އާއި ބައްދަލުކޮށްފައެވެ.

ނިކް އަކީ ޕްރިޔަންކާ އަށް ވުރެ 10 އަހަރު ހަގު މީހަކަށް ވުމުން، ގިނަބައެއްގެ ފާޑުކިޔުން ޕްރިޔަންކާއަށް ވަނީ އަމާޒުވެފަ އެވެ.