ކުއަލަލަމްޕޫރު(ޖޫން 26): މެލޭޝިއާގެ މިސްކިތެއް ކުރިމަތީގައި ފަތުރުވެރިންތަކެއް ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން، އެމިސްކިތަށް ފަތުރުވެރިން ދިޔުން މަނާކޮށްފިއެވެ.

ކޮޓާ ކިނަބަލޫ ސިޓީ މިސްކިތް ހުންނަ ސަބާ ސްޓޭޓުގެ ޓުއަރިޒަމް މިނިސްޓްރީން ބުނިގޮތުގައި އެވީޑިއޯއިން ފެނިގެން ދަނީ މިސްކިތަށް އަޅުކަން ކުރަންދާ މުސްލިމުންނަށް އިހުތިރާމު ކުޑަވާ ގޮތަށް އަމަލު ކުރާ މަންޒަރުތަކެކެވެ.

މެލޭޝިއާގެ ކޮޓާ ކިނަބަލޫ ސިޓީ މިސްކިތް ކުރިމަތީ ދެ އަންހެނަކު ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައި -- ފޮޓޯ: ސަބާއިންފޯ

އަދި މިސްކިތުގެ ޗެއާމަން ވަނީ އެމިސްކިތަށް ފަތުރުވެރިން ގެންދިޔުން ހުއްޓުވުމަށާއި، އެފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށްޓަކައި އެކަމާ ބެހޭ ގޮތުން ޓުއާ އޭޖެންސީތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިސްކިތް ކުރިމަތީ ހުރި ފާރެއް މަތީ ދެ އަންހެނުން ނަށާ މަންޒަރު ފެންނަ ފޭސްބުކް ވީޑިއޯ މިހާރު ވަނީ 270،000އަށް ވުރެ ގިނަ ފަހަރު ބަލާފައެވެ. (ބީބީސީ)