30 May 2010, 15:23
19:00
ރޭ މާލޭގައި ދެ މަރާމާރީއެއް ހިނގައި ދެ މީހަކު ޒަޚަމްކޮށްލިތާ 24 ގަޑިއިރު ނުވަނީސް އަނެއްކާވެސް އިތުރު މާރާމާރީ އެއް ހިންގާ، މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އަމީނީމަގު ހަޒާޝް މާޓް ކައިރީގައި މީހަކު ހުއްޓާ ސައިކަލެއްގައި ދިޔަ ދެ މީހަކު އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދީ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މިކަމާގުޅިގެން އައިޖީއެމްޗަށް ގުޅާލުމުން ބުނީ އޭނާގެ އާއިލާގެ މީހުން އޭނާއާ ބެހޭ މަޢުލޫމާތު މީޑިއާ އަށް ދޭން ބޭނުންނުވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަށް ހަމަލާދީފައިވަނީ ސައިކަލުގައި ދިޔަ ބަޔަކު އޭނާ ހަޒާޝް މާޓް ތެރެއިން ނިކުތް ވަގުތެވެ. އަދި އެމީހުން އޭނާގެ ބަނޑަށް ވަޅި ހަރާލަން ދިމާކުރި ވަގުތު އޭނާ އަތް ނެގިތަނާ އޭނާގެ އަތުގެ ދެމަސްގަނޑު ކަފައިގެން ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި އަތުގެ ދެ ނާރެއް ބުރިވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މީގެ އިތުރުން ރޭ ގާތްގަނޑަކަށް 9:30 ހާއިރު މާފަންނު ސްޓޭޑިއަމް ސަރަހައްދުގަ އާއި އަތަމާ ޕެލަސް ކައިރީގައި ހިނގި އެ ދެމާރާމާރީގައި އަނިޔާވި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. އެހެންނަމަވެސް އެ ދެމީހުންނަށް ލިބިފައިވާ އަނިޔާތަކާ ބެހޭ ތަފްސީލެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ރޭ ހިނގި އެ ދެމާރާމާރީގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އަތަމާ ޕެލަސް ކައިރީގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ އަށް ކަމަށާއި އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި ދެ ވަނަ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ ރޭ ހިންގި އެ ދެ މާރާމާރީ އާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް 40 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންވެސް ހިމެނޭ ކަމަށެވެ. އަދި މިހާރު މާލެ ތެރޭ ސިލްސިލާކޮށް ހިންގާ މާރާމާރީތަކަކީ އެކިއެކި ގްރޫޕްތަކުގެ މެދުގައި ހިންގާ މާރާމާރީތަކެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
މި ތިން މާރާމާރީގެ އިތުރުން އިއްޔެ ރޭ ވެސް ވަނީ ކާނިވާ ސަރަހައްދުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފަ އެވެ. އަދި އޭގެ ކުރީ ރޭ ވެސް އުމުރުން 14 އަހަރުގެ ސުކޫލް ކުއްޖަކަށް ބަޔަކު ވަނީ ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފަ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ އަށް އެމީހުން ހަމަލާދީފައި ވަނީ އޮޅިގެންނެވެ.