ފަހު ވަގުތު ޖެހި ލަނޑާއެކު 24 އަހަރަށްފަހު ސައުދީ އަރަބިއާއިން ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިރޭ ކުޅުނު ވޯލްޑް ކަޕް 'ގްރޫޕް އޭ'ގެ މެޗުގައި މިސްރު އަތުން ސައުދީ މޮޅުވީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު ދެ ޓީމަށް ވެސް ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ ފުރުސަތު ގެއްލިފައެވެ.

މިސްރާއި ސައުދީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައުދީ --- ފޮޓޯ/ އޭޕީ

އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި އުރުގުއާއީއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރަޝިއާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ސައުދީއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، މިސްރު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގައި މިސްރުގެ ގޯލް ބެލެހެއްޓީ އުމުރުން 45 އަހަރުގެ އެސާމް އަލް ހަދަރީއެވެ. އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ކުރިން އެ ރެކޯޑު ދަމަހައްޓަމުންދިޔައީ ކޮލަމްބިއާގެ ފަރީދް މޮންޑްރެގަންއެވެ.

މިސްރާއި ސައުދީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައުދީ --- ފޮޓޯ/ އޭޕީ

މިސްރުން މެޗުގެ ލީޑު ހޯދީ 22 ވަނަ މިނެޓުގައެވެ. އަބްދުﷲ އަލް ސައިދް ދިން ބޯޅައަކުން މިސްރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި މުހައްމަދު ސަލާހެވެ. ސައިދް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު، ސަލާހު ވަނީ ވަރަށް ރީތިކޮށް އެ ބޯޅަ ސައުދީގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި މިސްރުގެ ޕެނަލްޓީ އޭރިއާ ތެރެއިން އަހްމަދު ފާތީ، ބޯޅައިގައި އަތްލުމުން ސައުދީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ސައުދީގެ ފަހަދް އަލް މުވައްލާދް ފޮނުވާލި ޕެނަލްޓީ، މިސްރުގެ ކީޕަރު އަލް ހަދަރީ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ސައުދީން ނަތީޖާ ހަމަހަމަކުރީ ޕެނަލްޓީއަކުންނެވެ. ސައުދީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަލްމާން އަލް ފަރާޖެވެ. ރެފްރީ އެ ޕެނަލްޓީ ދިނީ ވީއޭއާރްއިން ބެލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން އަލް މުވައްލަދަށް މިސްރުގެ އަލީ ގަބްރު ފައުލް ކުރީ ކަމަށް ބަލައެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިސްރާއި ސައުދީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައުދީ --- ފޮޓޯ/ އޭޕީ

ދެ ޓީމުގެ ހަމަލާތަކެއް ފެނިގެންދިޔަ ދެވަނަ ހާފުގައި ސައުދީން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އަބްދުﷲ އަތައީފް ދިން ބޯޅައަކުން ސައުދީއަށް ލީޑު ހޯދައިދިނީ ސަލާމް އަލް ދަވްސަރީއެވެ.

ގްރޫޕް އޭގައި މިރޭ ކުޅުނު އަނެއް މެޗުގައި ރަޝިއާ އަތުން އުރުގުއާއީ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުރުގުއާއީއަށް ލުއިސް ސުއަރޭޒް ލީޑު ހޯދައިދިން އިރު، ރަޝިއާގެ ޑެނިސް ޗެރިޝޭވް އަތުން ބައިކޮޅަށް ވަން ލަނޑުން އުރުގުއާއީއަށް ލީޑު ފުޅާވެގެންދިޔައެވެ. ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ރަޝިއާ ކޮޅަށް އުރުގުއާއީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ.