އައްޑޫ ސިޓީގައި ތަރައްގީ ކުރާ އިސްމެހެލާ ހެރަ ރިސޯޓު ޑިސެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެއެވެ.

އައްޑޫ ސިޓީ މީދޫ ކައިރީގައި އޮންނަ މި ރިސޯޓު ހުޅުވާނީ ފުރަތަމަ ފޭސްގެ 100 ކޮޓަރިއާ އެކުއެވެ. އެ ރިސޯޓުގެ ސީއީއޯ މޫސާ ދީދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ އެ ރިސޯޓުގެ ސިވިލް މަސައްކަތުގެ 69 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީ ކުރާ އިސްމެހެލާ ހެރަގެ ފުރަތަމަ ފިޔަވަހީގައި 60 ބީޗް ވިލާ އާއި 30 ވޯޓާ ވިލާ، ބާ، ސްޕާ އަދި ރެސްޓޯރެންޓެއް ތަރައްގީ ކުރާނެއެވެ. މި ރިސޯޓު އެއްކޮށް ތަރައްގީ ކޮށް ނިންމާއިރު، އެ ރަށުގައި ހިމެނޭ ދެ ކުޅިވެސް ތަރައްގީ ކުރާނެއެވެ.

މި ރިސޯޓުން 700 އެއްހައި ވަޒީފާ އުފެދޭނެ ކަމަށާއި އޭގެ ތެރެއިން 80 ޕަސެންޓް ވަޒީފާ ޚާއްސަ ކުރާނީ ދިވެހިންނަށް ކަމަށް ރިސޯޓުގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

ސީއީއޯ އާ ހަވާލާދީ ޕީއެސްއެމް ނިއުސް އިން ބުނީ ރިސޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު ރިސޯޓްގައި ޖުމްލަ 110 ވޯޓާ ވިލާއާއި 30 އޯޝަން ވިލާޔާއެކު ޖުމްލަ 240 ކޮޓަރި ހުންނާނެކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އިސްމެހެލާ ހެރައާއި ކައިރީގައި އޮތް އެރަށުގެ އެއްބައިކަމަށްވާ ކެޑެވާހެރަ އާއި ކުޑަ ބްރިޖަކުން ގުޅުވާލާ އިތުރު ވޯޓާ ވިލާތައް އެރަށުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްމެހެލާގެ މެނޭޖުމެންޓުން ވަނީ ބުނެފައެވެ.

މި ރިސޯޓު ތަރައްގީ ކުރަނީ ސައުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އިސްމެހެލާ ރިސޯޓު ތަރައްގީ ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.