ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކުގެ ކުޅުން މިރޭ ފެށޭ އިރު، ޕޯޗުގަލްއިން އިރާނާ ދެކޮޅަށް ނުކުންނަ މެޗަކީ މުހިއްމު މެޗެކެވެ.

މިހާތަނަށް ދެ މެޗުން ހަތަރު ޕޮއިންޓާއެކު ޕޯޗުގަލް އޮތް އިރު، އިރާން އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުގަ އެވެ. ގްރޫޕްގެ އެއްވަނަގައި އޮތް ސްޕެއިންއަށް ވެސް ދެ މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެ ގްރޫޕުން ގަދަ 16 އަށް ދިއުމުގެ ފުރުސަތު ޕޯޗުގަލްއާއި ސްޕެއިން އަދި އިރާނަށް ވެސް އެބައޮތެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އިރާން ކޯޗު ކާލޮސް ކުއިރޯޒް ބުނެފައި ވަނީ ޕޯޗުގަލްގެ އެންމެ ބޮޑު ނުރައްކަލަކީ ރޮނާލްޑޯ ކަމަށެވެ. ރޮނާލްޑޯ ކުޅޭ ކޮންމެ ކްލަބެއްގައި ވެސް އަދި ކޮންމެ މުބާރާތެއްގައި ވެސް ތަފާތު ގެނުވާނެ ކަމަށް ވެސް ކުއިރޯޒް ބުންޏެވެ. ކުއިރޯޒް ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗަކަށް އޭނާ ހޭދަކުރި ދުވަސްތަކުގައި ރޮނާލްޑޯއަށް ކޯޗުކަން ވެސް ކޮށްދީފަ އެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ޕޯޗުގަލްއިން ކުޅުނު ދެ މެޗުގައި ވެސް ގޯލްތައް ޖަހައިދިނީ ރޮނާލްޑޯ ނަމަވެސް، ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ޕޯޗުގަލްއަކީ "ވަން މޭން" ޓީމެއް ނޫން ކަމަށެވެ.

"މިއީ ރޮނާލްޑޯ އާއި އިރާނާ ކުޅޭ މެޗެއް ނޫން. މެޗު ކުޅެނީ ޕޯޗުގަލްއާއި އިރާނާ. މުޅި ޓީމު ކުޅެގެން ޕޯޗުގަލް މޮޅުވަނީ،" ސަންޓޯސް ބުންޏެވެ.

އިރާނަކީ އޭޝިއާގެ އެންމެ ވަރުގަދަ ޓީމު ގޮތުގައި ޕޯޗުގަލްގެ ކޯޗު ސަންޓޯން ސިފަކޮށްފައިވާ އިރު، އޭނާއާއި އިރާންގެ ކޯޗު ކުއިރޯޒަކީ ޒަމާންވީ ދެ ރަހުމަތްތެރިންނެވެ.

"އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ކުއިރޯޒް ހުންނަތާ 35 އަހަރު ވެއްޖެ. އަހަރެމެން އެއްކޮށް ގިނަ ފަހަރަށް ދަތުރު ވެސް ކުރަން. ކުރިން އަހަރެން އިންޖިނިއަރަކަށް އުޅުނުއިރު ވެސް ކުއިރޯޒް އަހަންނާ ފުޓުބޯޅަ ވާހަކަތައް ހިއްސާކުރާނެ،" ސަންޓޯސް ބުންޏެވެ.

ސަންޓޯސް ބުނީ ކުއިރޯޒްއާ އެކު އިރާނުން ހޯދައިފައިވާ ކުރިއެރުމަށް މަރުހަބާ ކިޔާ ކަމަށާއި މިރޭގެ މެޗުގައި އިރާނަށް ސަމާލުވާން ޖެހޭ ކަމަށެވެ.