25 Jun 2018, 12:35
މެކްސިކޯ ސިޓީ (ޖޫން 25): މެކްސިކޯގެ އޮކަމްޕޯ އަވަށުގައި ހިނގި މަރުގެ ހާދިސާއަކާ ގުޅިގެން އެއަވަށުގެ ހުރިހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
މެކްސިކޯގެ ފުލުހުންގެ އިންޓާނަލް އެފެއާސް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ 28 ފުލުހުން ހައްޔަރު ކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމުގެ ތުހުމަތުގައި އެވެ.
ނަމަވެސް މެކްސިކޯގެ މީޑިއާތަކުން ބުނާ ގޮތުގައި އެފުލުހުން ހައްޔަރު ކުރީ އޮކަމްޕޯ މުނިސިޕަލްޓީގެ މޭޔަރު ކަމަށް ވާދަ ކުރި ކެނޑިޑޭޓެއް ކަމަށްވާ ފާނެންޑޯ ހުއަރޭޒް މަރާލި ހާދިސާއާ ގުޅިގެންނެވެ. އަދި ޕްރޮސެކިއުޓަރުން ވަނީ އޮކަމްޕޯގެ ސެކިއުރިޓީ ސެކްރެޓަރީ، އޮސްކާ ގާސިއާއާ ހުއަރޭޒްގެ މަޅާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ގާސިއާ ހައްޔަރު ކުރަން މެކްސިކޯގެ މައި ސަރުކާރުން ފުލުހުން ފޮނުވުމުން، މުނިސިޕަލްޓީގެ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައި އެވެ. އޭގެ ސަބަބުން އެފުލުހުންނާ ސުވާލު ކުރުމަށް ޓަކައި އެމީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މެކްސިކޯގައި އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބާ ދިމާކޮށް އެގައުމުގެ 100 އަށް ވުރެ ގިނަ ސިޔާސީ އިސް ފަރާތްތައް މަރާފައިވެ އެވެ. (ބީބީސީ)