މިސްރުގެ ތަރި މުހައްމަދު ސަލާހް އެގައުމުގެ ގައުމީ ޓީމު ދޫކޮށްލަން އުޅޭ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މިސްރުގެ ފުޓުބޯޅަ އިދާރާއިން ބުނެފި އެވެ.

މިސްރުގެ އެފްއޭ އިން ސިޔާސީ ފައިދާތައް ހޯދުމަށް ސަލާހްގެ ބޭނުން ކުރާ ކަމަށް ބުނެ ސަލާހް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭ ކަމަށް މީޑިއާތަކުގައި އަޑުފެތުރިފައިވާ އިރު، ވޯލްޑް ކަޕަށް މިސްރުން ކޭމްޕްކޮށްފައިވާ ރަޝިއާގެ ޗެޗްނިއާގަ އެވެ. ޗެޗްނިޔާގެ ރިޕަބްލިކަންގެ ލީޑަރު ރަމްޒާން ކަދިރޯވްއާ އެކު ވޯލްޑް ކަޕްގެ ކުރިން ސަލާހް ނެގި ފޮޓޯއަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާ އިރު، ސަލާހްގެ އޭޖެންޓު ވެސް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ގިނަ ޖަމިއްޔާތަކަކުން ކަދިރޯވް ސިފަކޮށްފައި ވަނީ އަނިޔާވެރި، ހުދުމުހުތާރު މީހެއްގެ ގޮތުގަ އެވެ. އަދި ކަދިރޯވް އަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޗެޗްނިޔާގެ ރިޕަބްލިކަންގެ ލީޑަރު ރަމްޒާން ކަދިރޯވްއާއެކު ވޯލްޑް ކަޕްގެ ކުރިން ސަލާހް ނެގި ފޮޓޯ --- ފޮޓޯ/ އޭޕީ

މިސްރުގެ އެފްއޭއާ ދެމެދު ސަލާހް ނުރުހިފައިވާ ކަމަށް ގިނަ މީޑިއާތަކެއްގައި ބުނެފައިވާ އިރު، މިސްރުގެ އެފްއޭ އިން ބުނެފައި ވަނީ ސަލާހް ޓީމުގެ ކޭމްޕުގައި އެއްވެސް މައްސަލައެއް ނެތި އުޅެމުންދާ ކަމަށެވެ.

"މޯ ސަލާހް ޓީމާ އެކު ހިތްހަމަ ޖެހިގެން ހުރީ. މިސްރުގެ ކޭމްޕްގައި ސަލާހް ހުރީ ހިތްހަމަޖެހިގެން. ކެއުމާއި ހުރިހާ ކަމެއްގައި ވެސް ސަލާހް ފެންނަނީ އުފާވެރިކޮށް. ކުޅުންތެރިންނާ އެކު ފަރިތަކުރުންތަކުގައި ވެސް ބަރާބަރަށް ބައިވެރިވޭ،" މިސްރުގެ އެފްއޭއިން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް މިސްރުގެ އެފްއޭއާއި ސަލާހާ ދެމެދު ވަނީ އިމޭޖް ރައިޓްސްގެ މައްސަލައެއް ޖެހިފަ އެވެ. އެގޮތުން އޭޕްރީލް މަހު މިސްރުގެ ގައުމީ ޓީމުގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ "ވީ" (މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް)ގެ ޕްރޮމޯޝަނަށް ސަލާހްގެ ހުއްދަނެތި އެފްއޭ އިން އޭނާގެ ފޮޓޯ ބޭނުން ކޮށްފައިވާ އިރު، އެންމެ ވާދަވެރި ވޮޑަފޯން ކުންފުންޏަކީ ސަލާހްގެ ސްޕޮންސަރެކެވެ. އެކަމާ ގުޅިގެން ސަލާހް ބުނެފައި ވަނީ މިސްރުގެ އެފްއޭ އިން އޭނާއަށް ގަދަރުކުޑަކުރި ކަމަށެވެ.

މިސްރުން ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ އިރު، އެޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ނަވާވީސް އަހަރަށް ފަހު މިސްރު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމަށް ސަލާހް މުހިއްމު ދައުރެއް އަދާކުރި އިރު، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސަލާހް ކުޅެފައެއް ނުވެ އެވެ. އެހެން ނަމަވެސް އެންމެފަހުން ރަޝިއާއާ ދެކޮޅަށް މިސްރުން ކުޅުނު މެޗުގައި ސަލާހް ވަނީ ކުޅެ، ގޯލެއް ވެސް ޖަހައިފަ އެވެ.

މިސްރުން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅޭ ފަހު މެޗުގައި މިރޭ 7:00ގައި ނުކުންނާނީ ސައުދީ އަރަބިއާއާ ދެކޮޅަށެވެ.