ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މަންމަ އަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އިއްޔެ 27 އަހަރުގެ އަންހެނަކު މާލެ އިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

މީގެ ތިން އަހަރެއްހާ ދުވަސްކުރިން ވ. ރަކީދޫ މުހައްމަދު އިބްތިހާލަށް ވެސް ވަނީ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެ އަނިޔާތަކުގެ ސަބަބުން އިބްތިހާލް ވަނީ މަރުވެފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ކޯޓުގައި ދަނީ ކުރިއަށެވެ.