ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވަމުން އަންނަ ވިކްޓަރީ ސްޕޯޓްސް ކްލަބުން ތަޖަކިސްތާން ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންޑަރަކާއި ޑެންމާކުގެ ފޯވަޑެއް ގެންނަން ނިންމައިފިއެވެ.

ވިކްޓަރީން ގެންނަ ޑިފެންޑަރަކީ އުމުރުން 22 އަހަރުގެ ފިރްދައުސް ޗަކަލޯވްއެވެ. އޭނާ ވަނީ މިދިޔަ އަހަރު ތަޖަކިސްތާނުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އަދި އެންމެފަހުން ކުޅެފައި ވަނީ ތަޖަކިސްތާންގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އެފްކޭ ހުޖާންޑަށެވެ.

ވިކްޓަރީން ގެންނަ މިޑްފީލްޑަރަކީ އުމުރުން 26 އަހަރުގެ ކިމް އެލްގާޑެވެ. ސެންޓްރަލް މިޑްފީލްޑްގެ އިތުރުން ފަހަތަށްވެސް ކުޅޭ އެލްގާޑް ވަނީ މީގެ ކުރިން ޑެންމާކުގެ ދެވަނަ ޑިވިޝަން ކްލަބުތައް ކަމަށްވާ އެފްސީ ފްރެޑެރޭސިއާއި ވެޖެލް ބީކޭއަށްވެސް ކުޅެފައެވެ. ވިކްޓަރީއަށް ގެންނަ ދެ ކުޅުންތެރިންވެސް މިއަދު އަންނާނެ ކަމަށް ޓީމުން ބުނެފައިވެއެވެ.

ވިކްޓަރީއަށް ގެނައި ޑިފެންޑަރު ފިރްދައުސް ޗަކަލޯވް ---

ވިކްޓަރީން މާލޭ ލީގަށް ނުކުތީ ހަތަރު ބިދޭސީ ކުޅުންތެރިންނާ އެކުގައެވެ. އެގޮތުން ސްޕެއިންގެ ޑިފެންޑަރު ޖޯކުއިން ކާލޯސްގެ އިތުރުން އެންހާލް ކަރެސްކޯ މުނޯޒް އަދި ހެންގޭރީގެ ފޯވަޑް ސައިމޮން ތީބޯއާއި އީސްޓް ޓީމޯގެ ފޯވަޑް ޕެޑްރޯ ހެންރިކޭވެސް ޓީމުގައި ހިމެނިފައިވެއެވެ.

އޭގެ ތެރެއިން މުނޯޒްގެ އިތުރުން ޕެޑްރޯ ހެންރިކޭ ވެސް ވަނީ ޓީމާ ވަކިވެފައެވެ. މާލޭ ލީގު ނުނިމެނީސް އެ ދެކުޅުންތެރިންވެސް ވިކްޓަރީ ދޫކޮށްލައިފައިވާ އިރު، މުނޯޒް ވަނީ ވިކްޓަރީން މުސާރަ ނުދޭ ކަމަށް ބުނެ ފީފާއަށް މައްސަލަވެސް ހުށަހަޅައިފައެވެ.

ވިކްޓަރީގެ ފަރާތުން ބުނެފައި ވަނީ އެންހާލް ޓީމުން ދިޔައީ މުހިއްމު މެޗެއް އޮތްވާ ޓީމަށް ނޭނގި ކަމަށާއި، މުސާރާއިގައި ޑިލޭ އެއް އުޅުނު ނަމަވެސް މިހާރު ހުރިހާ ކުޅުންތެރިންނަށްވެސް މުސާރައިގެ ހުރިހާ ކަމެއްވެސް ހަމަޖެހިފައިވާ ކަމަށެވެ.