25 Jun 2018, 19:27
ފިލިޕިންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުން މެޑިކަލް ސްކޮލާޝިޕްތަކެއް ރާއްޖެއަށް ދީފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމީލިއޯ ކޮލެޖާއައި ރާއްޖެއާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އައޝަތު ޝިހާމް ސޮއިކުރެއްވިއިރު އެމީލިއޯ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖްގެ ރައީސް ޑރ. ޖޯސްއީ ކެމްޕޯސްއެވެ.
މެޑިސިން ކިޔަވުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި ފިލިޕިންސްގެ އެމީލިއޯ ކޮލެޖާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މުހައްމަދު އަފުރާހު
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެމީލިއޯ ކޮލެޖުން ހިލޭ އެއް ސްކޮލާޝިޕް ލިބޭނެ ކަމަށެވެ. އެ ސްކޮލާޝިޕް ކޮންމެ އަހަރަކު ލިބޭއިރު، ޓިއުޝަން ފީ ވެސް ހިލޭ ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ސްކޮލާޝިޕްގެ ދަށުން ޕްރީމެޑިސިން އިން ފެށިގެން ޑޮކްޓާ އޮފް މެޑިސިންއާ ހަމައަށް ކިޔެވޭނެއެވެ.
އެ އެއްބަސްވުމުގެ ދަށުން އިތުރު 10 ސްކޮލާޝިޕެއް ވެސް ރާއްޖެއަށް ލިބޭނެއެވެ. އެ 10 ސްކޮލާޝިޕްގެ ދަށުން ޓިއުޝަންފީއިން 10 ޕަސެންޓް ޑިސްކައުންޓެއް ލިބިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިއީ ފަސް އަހަރުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކޮލެޖުގައި މިހާރުވެސް 23 ދިވެހި ދަރިވަރަކު އެމްބީބީއެސް އަށް ކިޔަވަމުންގެންދާ ކަަމަށެވެ.
މެޑިސިން ކިޔަވުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އަދި ފިލިޕިންސްގެ އެމީލިއޯ ކޮލެޖާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މުހައްމަދު އަފުރާހު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމީލިއޯ ކޮލެޖުގެ ރައީސް ޑރ. ޖޯސްއީ ވިދާޅުވީ އެ ކޮލެޖުން ކިޔެވި ނޭފަލްގެ ބައެއް ޑޮކްޓަރުން މިހާރު ރާއްޖޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި އެ ކޮލެޖުން ކިޔަވައިގެން ނިކުންނަ ރާއްޖޭގެ ދަރިވަރުންނަކީ އެ ކޮލެޖުން ކިޔެވި ނޭޕާލްގެ ޑޮކްޓަރުންނަށް ވުރެ ކާމިޔާބު ބަޔަކަށް ވާތަން ދެކެން ބޭނުންވާ ކަމަށް ޑރ. ޖޯސްއީ ވިދާޅުވިއެވެ.
ރާއްޖޭގެ ދަރިވަރުންނަށް އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ލަންކާގެ ޔުނިވާސިޓީއަކާއެކުވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ސްރީލަންކާގެ އަސްކަރީ ޔުނިވާސިޓީއެއް ކަމުގައިވާ ކޮތަލާވަލަ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ)އިން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އަހަރަކު 20 ޖާގަ ރާއްޖޭގެ ދަރިވަރުންނަށް އެމްބީބީއެސް ހެދުމަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.