ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓްގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވޯޓާ ވިލާއެއްގެ ތިން ކޮޓެރިއެއް އަނދައި ހުލިވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ނިޔާމަ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 05:30 އެހާކަންހާ އިރު ކަމަށާއި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ހަތެއް ޖަހަނިކޮށް ކަމަށެވެ.

ދ. ނިޔާމަ ރިސޯޓްގައި ވޯޓާ ވިލާގައި އަލިފާން ރޯވެފައި --- ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ ވޯޓާ ވިލާއެއްގެ ތިން ކޮޓަރީގައި ކަމަށާއި އަލިފާންގަނޑު ނިންވާލެވުނު އިރު ތިން ކޮޓަރި ވެސް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ތިން ކޮޓަރި ވެސް ހިޔާކޮށްފައި ވަނީ ފަނުންނެވެ. އެހެން ކަމުން އަލިފާންގަނޑު ނިއްވާލުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށް ނިޔާމަ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދ. ނިމާޔަ ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ވޯޓާ ވިލާގެ ތިން ކޮޓަރި އަދާ ހުލިވެފައި --- ފޮޓޯ: ކިޔުންތެރިއެއް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ސިފައިން އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހްގީގުކުރަމުންނެވެ.