ގުދުސް(ޖޫން 25): ފަލަސްތީނުގައި އޮތް ރައީސް މަހުމޫދު އައްބާސްގެ ވެރިކަން ވައްޓާލަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށް ފަލަސްތީނުގެ އިސް ޑިޕްލޮމެޓަކު ތުހުމަތު ކުރައްވައިފިއެވެ.

ސައިބް އެރެކަތު އެފަދައިން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި އިސް މުޝީރު ޖެރަޑް ކުޝްނާ މެދުއިރުމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.

އެ އިންޓަވިއުގައި ކުޝްނާ ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް ރައީސް އައްބާސްގެ ގާބިލުކަން ހުރި މިންވަރާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ސުލްހައާ ބެހޭ ގޮތުން ރައީސް އައްބާސް ވާހަކަ ދައްކަވާތާ 25 އަހަރުވީ ނަމަވެސް އެއްބަސްވުމަކާ ހަމައަށް ވާސިލުވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ކުޝްނާ ވިދާޅުވި ގޮތުގައި އިސްރާއިލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމު ކުރުމަށް އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް އެމެރިކާއިން ދަނީ އެކުލަވާލަމުންނެވެ. އަދި އޭނާ ވަނީ އެޕްލޭނާ ދެކޮޅު ހެދުމުގެ ފުރުސަތު ފަލަސްތީނުގެ ސަރުކާރަށް ނުދިނުމަށް، ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

އެރެކަތު ވިދާޅުވި ގޮތުގައި ކުޝްނާގެ އިންޓަވިއުއިން އެނގިގެން ދިޔައީ އެމެރިކާއިން މެދުވެރިއެއްގެ ރޯލު އަދާ ކުރުމުގެ ބަދަލުގައި ފަލަސްތީނުން އަމަލު ކުރަންވީ ގޮތް ކިޔައި ދެމުންދާ ކަމަށް ވިދާޅުވެފައެވެ.

"އެމީހުން މަސައްކަތް ކުރަމުން ދަނީ ސަރުކާރު ބަދަލު ކުރަން، ސަބަބަކީ ރައީސް އައްބާސްގެ ވެރިކަމުގެ ދަށުން ފަލަސްތީނުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް، އިހުލާސްތެރި، ދިގުދެމިގެންދާ، ސުލްހަ ގާއިމު ކުރަން،" އެރެކަތު ވިދާޅުވިއެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން މިދިޔަ އަހަރު ބަލައިގަތުމާ ގުޅިގެން ރައީސް އައްބާސް ވަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހަ ގެނައުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރުމުގެ ހައިސިއްޔަތު އެމެރިކާއަށް ގެއްލިއްޖެ ކަމަށް ވިދާޅުވެފައެވެ. (އަލްޖަޒީރާ)