25 Jun 2018, 09:47
ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ޓީމުގެ ޑިފެންސް ވަރުގަދަކޮށްފިއެވެ.
މާލޭ ލީގުގައި މާޒިޔާގެ ޑިފެންސުން އެންމެ ވަރުގަދައަށް ކުޅުނު ބިދޭސީ ޑިފެންޑަރު މިލޯސް ކޮވަސޮވިޗް ޓީމުން ފޮނުވާލައިފައިވާ އިރު، ނިމިދިޔަ ޓްރާންސްފާ ސީޒަންގައި މާޒިޔާއަށް އިތުރު ދެ ޑިފެންޑަރުން ވަނީ ގުޅިފައެވެ. މާޒިޔާއާ ގުޅިފައިވާ ޑިފެންޑަރުންނަކީ ވިކްޓަރީއަށް ކުޅެމުންދިޔަ އަލީ ސާމިސް (ތޮއްޕެ)ގެ އިތުރުން އިބްރާހީމް އަބްދުﷲ (އިއްބެ)އެވެ.
މީގެ އިތުރުން މާލޭ ލީގަށް މާޒިޔާއިން އެކުލަވާލި ސްކޮޑުގައި އަނިޔާގައި ހުރި އަމްދާން އަލީ (އެންޑީ) ހިމަނާފައި ނުވި ނަމަވެސް، ދިވެހި ޕްރިމިއާ ލީގުގެ ސްކޮޑުގައި އެޓީމުން ވަނީ އެންޑީ ހިމަނާފައެވެ. ކަކުލުގެ އޮޕަރޭޝަނަކަށްފަހު ރިކަވާ ވަމުން އަންނަ ގައުމީ ޓީމުގެ ޑިފެންޑަރު އެންޑީ ވަނީ މިހާރު ފަރިތަކުރުންތަކަށް ނުކުމެފައެވެ. ދިވެހި ޕްރިމިއާ ލީގުގައި އޭނާ ފެންނާނެއެވެ.
ތޮއްޕެއަކީ މިދިޔަ އަހަރު ވިކްޓަރީން ފެނިގެންދިޔަ ޒުވާން ޑިފެންޑަރެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ. އަދި މިއަހަރުގެ މާލޭ ލީގުގައި ތޮއްޕެ ކުޅެފައި ވަނީ އޭނާގެ ކުރީގެ ކްލަބު ވިކްޓަރީއަށެވެ.
މާޒިޔާއަށް ދެން ސޮއިކުރި ޑިފެންޑަރު އިއްބެގެ ކެރިއަރު ފެށީވެސް މާޒިޔާއިންނެވެ. އޭގެ ފަހުން ވިކްޓަރީއާއި ވީބީ ސްޕޯޓްސް ކްލަބަށްވެސް ކުޅުމަށްފަހު އެންމެފަހުން ފުރަތަމަ ޑިވިޝަންގައި ކުޅެފައި ވަނީ ކްލަބު ވެލެންސިއާއަށެވެ. އިއްބެ އެންމެފަހުން ކުޅެފައި ވަނީ މި އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ދަ ގޭންގަށެވެ.
މާޒިޔާއިން މިއަހަރުގެ މާލޭ ލީގު ނިންމާލީ ތިން ވަނައިގައެވެ. ލީގުގެ ފަހު ކޮޅުގައި ޓީމުގެ ބިދޭސީ ގޯލްކީޕަރު މައުރޯ ބޮއެރެޗިއޯ އަދި ޑިފެންޑަރު މިލޯސްވެސް ޓީމުން ފޮނުވާލައިފައިވާ އިރު، ޕްރިމިއާ ލީގުގައި ޓީމުގެ ގޯލް ބަލަހައްޓާނީ އުންމީދީ ކީޕަރު ހުސައިން ޝަރީފެވެ.
މާޒިޔާގެ ފަހަތަށް އެންޑީ އެނބުރި އައުމަކީ ޓީމަށް ލިބޭނެ ހިތްވަރެކެވެ. އަދި ގައުމީ ޓީމަށް ކުރިއަށް ސާފް ޗެމްޕިއަންޝިޕް އޮތް އިރު، ރަނގަޅު ފޯމެއްގައި އެންޑީ ހުރުން ވެގެންދާނީ ޕޮސިޓިވް ކަމަކަށެވެ.
މާޒިޔާއިން މިދިޔަ އަހަރުގެ މާލޭ ލީގު ކާމިޔާބު ކުރި އިރު، ޓީމު ކޮޅަށް ވަން ގޯލްގެ އަދަދަކީ އަށެކެވެ. އެހެން ނަމަވެސް މިއަހަރުގެ ލީގުގައި މާޒިޔާ ކޮޅަށް ވަނީ 12 ގޯލް ވަދެފައެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައިވެސް މާޒިޔާގެ ޑިފެންސް ވަރުގަދަކޮށް ފެނުނު އިރު، އެ ސީޒަންގައި މާޒިޔާއިން ވަނީ ގިނަ ކްލީން ޝީޓްތަކެއް ހޯދައިފައެވެ.