މިކިލް މުސްލޭ ޑައިރެކްޓްކުރާ ފިލްމު "މޭޑް އިން ޗައިނާ"ގެ ލީޑު އަންހެން ތަރި އަކަށް އިންޑިއާގެ ޓީވީ ތަރި، މޯނީ ރޯއީ ހަމަޖައްސާފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ފިލްމުގެ ފިރިހެން ލީޑަށް ކުޅަދާނަ ބަތަލު ރާޖްކުމާރު ރޯއީ މިހާރު ހަމަޖައްސާފައިވާއިރު އޭނާ ފިލްމުގައި ކުޅޭނީ މަޝްހޫރު ގުޖްރާތީ ވިޔަފާރިވެރިއެއްގެ ރޯލެވެ.

ރާޖްކުމާރުގެ ރޯލު ހާމަކުރި ނަމަވެސް މޯނީ ފިލްމުގައި ކުޅޭނީ ކޮން ރޯލެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ޝޫޓިން އަހްމަދުއާބާދު އަދި ޗައިނާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ދިނޭޝް ވިޖަން ޕްރޮޑުސް ކުރާ އެ ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ވަނީ ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް "މޭޑް އިން ޗައިނާ" ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ރާޖްކުމާރު ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ "ސްޓްރީ" އެވެ. އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އެ ފިލްމު ރިލީޒްކުރާނެއެވެ.

މޯނީ އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ އަކްޝޭ ކުމާރު ލީޑުން ފެނިގެންދާ ފިލްމު "ގޯލްޑް" އިންނެވެ.