25 Jun 2018, 08:27
ފީފާ ވޯލްޑް ކަޕަށް ޓީމުތައް ތައްޔާރުވަމުންދިޔަ އިރުވެސް އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނު ބަޔަކީ ބްރެޒިލްގެ މެޑިކަލް ޓީމުންނެވެ. ހާއްސަކޮށް ބްރެޒިލްގެ ތަރި ނޭމާއަށް ކުރިމަތިވި އަނިޔާއަށް ހައްލެއް ހޯދައި، ވޯލްޑް ކަޕްގައި އޭނާގެ ބޭނުން ހިފޭނެ މަގެއް ހޯދުމަށް މެޑިކަލް ޓީމު އުޅުނީ އަވަދިނެތިއެވެ.
އަންނަ ބުދަ ދުވަހު ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އަނިޔާގެ ސަބަބުން ބްރެޒިލްގެ މުހިންމު ދެ ކުޅުންތެރިޔަކަށް ނުކުޅެވޭނެއެވެ. އަނިޔާގެ ސަބަބުން ޑިފެންޑަރު ޑެނީލޯއަށް ކުރިން ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗު ވެސް ގެއްލުނު އިރު، ކޮސްޓަ ރިކާ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑަގްލަސް ކޮސްޓާއަށް ވަނީ އަނިޔާވެފައެވެ.
ކުޅުންތެރިންގެ އިތުރުން ވެސް ބްރެޒިލްގެ މެޑިކަލް ޓީމަށް ވަނީ އިތުރު މަސައްކަތަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗު ނިމެން ދަނިކޮށް، ފިލިޕް ކުޓީނިއޯ ޖެހި ލަނޑާއެކު އުފާފާޅުކުރަނިކޮށް ކޯޗު ޓިޓޭއަށް އަނިޔާވުމުން އޭނާއަށް ފަރުވާދޭން ޖެހުމެވެ. ޓިޓޭއަށް އަނިޔާވީ އުފާފާޅުކުރަމުން ދަނިކޮށް، ބްރެޒިލްގެ ބަދަލު ކީޕަރު އެޑަސަންއަށް ޓިޓޭ ކޮށްޕާލެވުމާ ގުޅިގެންނެވެ.
"މިއީ ވަރަށް އެހެން ކަހަލަ ދަނޑިވަޅެއް. ކޯޗަށް ވެސް އަނިޔާވެއްޖެ. މިއީ އަހަރެންގެ ކެރިޔަރުގައި މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު،" ކޯޗު ޓިޓޭގެ އަނިޔާއާ ގުޅޭގޮތުން ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުންޏެވެ.
ލަސްމާ ބުނީ ޓިޓޭގެ ފަލަ މަސްގަނޑަށް ކުޑަވަރެއްގެ އަނިޔާއެއް ވެފައިވާ ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭވަރުގެ އަނިޔާއެއް ނޫން ކަމަށެވެ.
ވޯލްޑް ކަޕް 'ގްރޫޕް އީ'ގެ ކުރީގައި އޮތް ބްރެޒިލާއި ސްވިޒަލޭންޑަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ސާބިއާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މުބާރާތުން ކަޓާފައިވާ ކޮސްޓަ ރިކާއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އެ ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 11:00 ގައެވެ. ކޮސްޓަ ރިކާއާ ދެކޮޅަށް ސްވިޒަލެންޑް ނުކުންނަ އިރު، ބްރެޒިލް ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ބްރެޒިލްއަށް ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ.