25 Jun 2018, 08:53
އިންގްލެންޑް ރޭ ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗަކީ އެގައުމުގެ ފުޓުބޯޅައިގެ އެންމެ ތާރީހީ އެއް މެޗެވެ.
ނިޒްނީ ނޮވްގްރޯޑް ސްޓޭޑިއަމްގައި ރޭ ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހެޓްރިކް ހަދައިފައިވާ އިރު، އެ މެޗުގެ ނަތީޖާއަކީ ވޯލްޑް ކަޕް މެޗެއްގައި އިންގްލެންޑް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.
މީގެ ކުރިން އިންގްލެންޑުން ވޯލްޑް ކަޕް މެޗެއްގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވެފައި އޮތީ 3-0ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން 3-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއީ 2002 ވަނަ އަހަރު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން 1986 ވަނަ އަހަރު ޕެރަގުއޭއާއި ޕޮލެންޑާ ކުޅުނު މެޗުތަކުންނެވެ.
ރޭގެ މެޗު ބެލުމަށް ތައްޔާރުވެ، ގާތް ގަނޑަކަށް 2000 މޭލުގެ ދިގު ދަތުރެއް ކޮށް، ރަޝިއާގެ ނޮވްގްރޯޑަށް ދިޔަ އެއް ސަޕޯޓަރަކީ އިންގްލެންޑްގެ ޑަގްލަސް މޮރެޓޮންއެވެ. އޭނާ ނޮވްގްރޯޑްގެ ހޮޓަލަށް ޗެކިންވީ މެޗު ފެށުމަށް ގާތްގަނޑަކަށް ދެތިން ގަޑިއިރު ކުރިންނެވެ. މެޗަށް ހުރިހާ ތައްޔާރީތަކެއް ވެގެންދިޔަ އިރު، ޑަގްލަސްއަށް ހަނދާން ނެތުނީ އެންމެ ކަމެކެވެ. މެޗުގެ ޓިކެޓް ނުލާ ދެވުމެވެ. އޭނާއަށް ދެވުނީ މެޗުގެ ޓިކެޓް ގޭގެ ކަބަޑުގައި ބާއްވައިފައެވެ.
Not long left now people. We’ve got Douglas a ticket but urgently need to find him. If you clock him, tell him to get to his hotel reception, pronto.#DiscoverDouglaspic.twitter.com/Zf8h7WiTIJ
— Dan H???????? (@dan_howells)June 24, 2018
ޓިކެޓް ބާއްވާފައި ދެވުމުން ފަހުވަގުތު ޓިކެޓެއް ހޯދުމަށް މުޅި ހޮޓަލުގެ އެންމެން ކައިރީގައި އަހާފައިވާ އިރު، އޭނާއާ ދިމާވި އެކަކީ އައިޓީވީގެ ނިއުސް އެޑިޓާ ޑޭން ހަވެލްސްއެވެ. ޑަގްލްސްގެ ވާހަކަ ކިޔައިދިނުމުން ޑޭން ވަނީ ވަގުތުން އޭނާގެ ޓްވިޓާގައިވެސް ޑަގްލަސްގެ ވާހަަކަ ލިޔެފައެވެ. އަދި އިތުރު ޓިކެޓެއް އޮތް މީހެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ޑޭންގެ ޓުވިޓާ އެކައުންޓުގައި ޓްވީޓްކޮށްގެންވެސް ޑަގްލަސްއަށް ޓިކެޓެއް ލިބުނު ނަމަވެސް، ފަހުން ޑޭންއަށް ޑަގްލަސް އަތެއް ނުވިއެވެ. މުޅި ހޮޓެލް ބަލާ ހޯދި އިރުވެސް ޑަގްލަސް ނުފެނުނު ވާހަކަ ޑޭންގެ ޓްވިޓާގައި އޭނާ ވަނީ ޕޯސްޓް ކޮށްފައެވެ.
ހޮޓެލްގެ ރިސެޕްޝަނާ ޓިކެޓް ހަވާލުކުރުމަށްފަހު ޑޭން މެޗަށް ދިޔައީ ޑަގްލަސްއަށް ޓިކެޓް ހަވާލުކޮށްދިނުމަށް ބުނެފައެވެ. އެހެން ނަމަވެސް ޑަގްލަސްއަށް އަނބުރާ ހޮޓަލަށް ދެވުނީ މެޗު ފެށުމަށް 30 މިނެޓަށް ވެފައިވަނިކޮށް ކަމަށްވުމުން އިއްޔެގެ މެޗަށް ޑަގްލަސްއަށް ނުވަދެވުނެވެ.