25 Jun 2018, 01:24
ފީފާ ވޯލްޑް ކަޕުން ޕޮލެންޑް ކަޓުވާލައި، ކޮލަމްބިއާއިން ގަދަ 16ގެ އުންމީދު އާކޮށްފިއެވެ.
ރަޝިއާގެ ކަޒަން އެރީނާގައި މިރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި ޕޮލެންޑްގެ މައްޗަށް ކޮލަމްބިއާއިން ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރު، ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

ކޮލަމްބިއާއާއި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
އެ ގްރޫޕުގެ ކުރީގައި އޮތް ޖަޕާނާއި ސެނަގާލްއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ކޮލަމްބިއާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ޕޮލެންޑަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ގްރޫޕުން ގަދަ 16ގެ ޖާގަތައް ކަށަވަރުކުރާ ދެ ޓީމު އެނގިގެންދާނީ ގްރޫޕުގެ ފަހު މެޗުތަކަށްފަހުއެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ކޮލަމްބިއާއަށް ލީޑު ހޯދުނީ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ހަމޭސް ރޮޑްރިގޭސް ނަގައިދިން ހުރަހަކުން ކޮލަމްބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔެރީ މިނާއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.

ކޮލަމްބިއާއާއި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ދެވަނަ ހާފުގެ ކުރީކޮޅު ކޮލަމްބިއާގެ ކެޕްޓަން ރަޑަމެލް ފަލްކާއޯއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީއަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ލެވަންޑޯސްކީގެ ހަމަލާގެ ހުރަހަކަށްވީ ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާއެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ކޮލަމްބިއާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ހުއާން ފެނާންޑޯ ކުއިންޓެރޯ ދިން ބޯޅައަކުން ކޮލަމްބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފަލްކާއޯއެވެ. އެ ލަނޑަކީ ކޮލަމްބިއާގެ ނުރައްކާތެރި ފޯވަޑް ފަލްކާއޯ، ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ލަނޑެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވެސް ކޮލަމްބިއާ ވާދަކުރި ނަމަވެސް، އަނިޔާގެ ސަބަބުން އޭރު އޭނާ ހުރީ ކުޅުމާ ދުރުގައެވެ.

ކޮލަމްބިއާއާއި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ފަލްކާއޯ ލަނޑު ޖެހިތާ ފަސް މިނެޓުތެރޭ ކޮލަމްބިއާއިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ރޮޑްރިގޭޒް ދިން ބޯޅައަކުން ކޮލަމްބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯއެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ޕޮލެންޑްގެ ގާޒެގޯޒް ކްރީޗޮވިއަކްއާއި ކެޕްޓަން ލެވަންޑޯސްކީއަށް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ކީޕަރު އޮސްޕީނާ ވަނީ އެ ދެ ހަމަލާ ދިފާއުކޮށްފައެވެ.
މާދަމާ ކުޅޭ ވޯލްޑް ކަޕްގެ މެޗުތައް:
19:00 އުރުގުއާއީ - ރަޝިއާ (ގްރޫޕް އޭ)
19:00 ސައުދީ އަރަބިއާ - މިސްރު (ގްރޫޕް އޭ)
23:00 ސްޕެއިން - މޮރޮކޯ (ގްރޫޕް ބީ)
23:00 އިރާން - ޕޯޗުގަލް (ގްރޫޕް ބީ)