އާޖެންޓީނާ އިން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން އެޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ކްރޮއޭޝިއާ އަތުންވެސް 3-0ގެ ނަތީޖާއަކުން ބަލިވެ، ކޮލިފިކޭޝަނަށް އަމިއްލަ ބާރު ގެއްލިފައި އޮތް އިރު، ގްރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅޭ މެޗުގައި ނައިޖީރިއާ ބަލިކުރުމަކީ ކޮންމެހެންވެސް އެޓީމަށް މަޖުބޫރު ކަމެކެވެ.

އާޖެންޓީނާގެ ދަށް ކުޅުމަށާއި ޓީމުގެ ސެލެކްޝަނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، އެންމެ ރުޅި ގަދަވެފައި ހުރި އެކަކީ ޓީމުގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާ އެވެ.

"ޓީމު މިހާރު އޮތް ހާލަތަކީ ދަށް ހާލަތެއް. ޓީމު މީހާރު އޮތް ހިސާބަށް ދިއުމަކީ ލަދުވެތި ކަމެއް. މި ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭ މީހެއް އެބަހުރި. ސަމްޕޯލީގެ ކޮމްޕިއުޓަރުތަކާއި 14 އެސިސްޓެންޓުންނާ އެކު ޓީމަށް އައި އިރަށް އޭނާ ގަބޫލުކުރި މީހަކީ އާޖެންޓީނާ ފެޑަރޭޝަންގެ ރައީސް ޓާޕިއާ،" މަރަޑޯނާ ބުންޏެވެ.

މަރަޑޯނާ ބުނީ އޭނާ ބޭނުން ވަނީ އާޖެންޓިނާގެ ކޯޗު ޖޯޖު ސަމްޕޯލީއާއި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރަން ކަމަށާއި އޭނާ ޓީމާ ބައްދަލުކުރަން ދާނީ ކުރީގެ ބައެއް ކުޅުންތެރިން ގޮވައިގެން ކަމަށެވެ.

"އަހަރެމެން ބޭނުން ވަނީ ގައުމީ ޓީމުގެ އަގު ދަމަހައްޓަން. އާޖެންޓީނާގެ ފެންވަރެއް ނޫން މީކީ،" މަރަޑޯނާ ބުންޏެވެ.

އާޖެންޓީނާ އިން 1986 ވަނަ އަހަރު ވޯލްޑް ކަޕް އުފުލާލި އިރު، މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މަރަޑޯނާ އަކީ 2010 ވަނަ އަހަރު އާޖެންޓީނާއާ އެކު ވޯލްޑް ކަޕަށް ދިޔަ ކޯޗެވެ.