24 Jun 2018, 23:35
ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފި ނަމަ ވޯޓު ބާތިލުވާގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިންތިޚާބާ ގުޅޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ގިނަ އިސްލާހުތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެކޮމިޝަނުގެ ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް "ސަން" އަށް ވިދާޅުވީ ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފި ނަމަ އެ ވޯޓު ބާތިލްވާނެ ކަމަށް ހުށަހެޅި އިސްލާހަކީ ވޯޓު ސިއްރު ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އިންތިޚާބީ ނިޒާމު ހަރުދަނާ ކުރުމަށް އިންތިޚާބާ ގުޅޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ނިންމައި، އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
"މި އިސްލާހުތަކަކީ އަޅުގަނޑުމެން ބޭއްވި ސިމްޕޯސިއަމް އާއި ސިޔާސީ ޕާޓީތަކާ އެކު ބޭއްވި މަޝްވަރާތައް އަދި އީޔޫ އިން ދީފައިވާ ލަފާގައި ހިމެނޭ ކަންތަން،" އަކްރަމް ވިދާޅުވިއެވެ.
ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފި ނަމަ އެ ވޯޓު ބާތިލްވާގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މީގެ ކުރިންވެސް ވަނީ ހުށަހަޅައިފައެވެ. މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ހުށަހެޅި މި އިސްލާހު ފާސްވާގޮތް ވަނީ ނުވެފައެވެ.
އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ނުވާނަމަ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެންނަންވެސް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.