އިންޑިއަން ކައުންސިލް ފޯ ކަލްޗްރަލް ރިލޭޝަންސް (އައިސީސީއާރު) އިން ދޭ ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާ އިންޑިއާ އިން ރާއްޖެ އަށްް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ބައްދަލު ކުރައްވައިފިއެވެ.

މި ސްކޯލާޝިޕްގެ ދަށުން މަތީތައުލީމު ހާސިލް ކުރުމަށް މި ފަހަރު ހަ ކުއްޖަކު އިންޑިއާ އަށް ދާނެއެވެ.

އައިސީސީއާރުގެ ދަށުން އިންޑިއާގެ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް 39 ފުލް ފަންޑެޑް ސްކޯލާޝިޕް ދެއެވެ. މީގެ ތެރޭގައި އަންޑާ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް، މާސްޓާސް އޮފް ފިލޯސޮފީ އަދި ޕީއެޗްޑީ ކޯސްތައް ހިމެނެއެވެ.

މި ސްކޯލާޝިޕްގެ ދަށުން މިފަހަރު ދާ ހަ ދަރިވަރުން ކިޔަވާނީ ޔުނިވާސިޓީ އޮފް ރާޖިސްތާނު އަދި ޔުނިވާސިޓީ އޮފް މައިސޫރު ގައެވެ.

އިންޑިއާ އަށް ދާ ކުދިންނާ ބައްދަލު ކުރައްވާ އިންޑިއާ ސަފީރު ވަނީ އެ ކުދިންނަށް ހިތްވަރު ދެއްވައިފައެވެ. ކިޔަވައި ނިމެގެން ރާއްޖޭގެ ތަރައްގީގެ ބައިވެރިއަކަށް ވުމަށް އެ ދަރިވަރުންނަށް ސަފީރު އިލްތިމާސް ކުރެއްވިއެވެ.