24 Jun 2018, 23:11
ފީފާ ވޯލްޑް ކަޕް 'ގްރޫޕް އެޗް'ގައި ކެއިސޫކޭ ހޮންޑާ ކާމިޔާބުކުރި ލަނޑާއެކު ސެނަގާލް އަތުން ޖަޕާނަށް ޕޮއިންޓެއް ލިބިއްޖެއެވެ.
ރަޝިއާގެ އެކަޓެރިންބާގް އެރީނާގައި މިރޭ ސެނަގާލާއި ޖަޕާން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ގްރޫޕް އެޗްއިން އެއްވެސް ޓީމަކަށް ގަދަ 16ގެ ޖާގައެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެ ގްރޫޕުގެ ކުރީގައި އޮތް ޖަޕާނާއި ސެނަގާލަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެއް މެޗު ކުޅެފައިވާ ކޮލަމްބިއާއާއި ޕޮލެންޑަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ވޯލްޑް ކަޕް ގްރޫޕް އެޗްގައި ސެނެގާލާއި ޖަޕާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މިރޭ ކުޅުނު މެޗު ވަރުގަދައަށް ފެށި ސެނަގާލަށް 11 ވަނަ މިނެޓުގައި ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން ސާޑިއޯ މާނޭއެވެ. ޔޫސުފް ސަބަލީ ފޮނުވާލި ހަމަލާ ޖަޕާނުގެ ކީޕަރު އެއިޖީ ކަވަޝީމާ ދިފާއުކުރި ނަމަވެސް، މާނޭގެ ފައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނީ ބޯޅަ ވަދެފައެވެ.
ސެނަގާލުން ލަނޑު ޖެހުމާއެކު ކުޅުން ރަނގަޅުކޮށް މެޗުގެ 34 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ސެނަގާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން، ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓަކަޝީ އިނުއީއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ޖަޕާނަށެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދިން އިނުއީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސެނަގާލް ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ސެނަގާލުން ވަނީ އަލުން ލީޑު ހޯދައިފައެވެ. އެމްބާޔޭ ނިއަންގް ދިން ބޯޅައަކުން ސެގަނާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މޫސާ ވޭގްއެވެ. އެ ލަނޑު ޖެހުމުގައި ސަބަލީ އަދި މާނޭގެ ދައުރު ވެސް ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕް ގްރޫޕް އެޗްގައި ސެނެގާލާއި ޖަޕާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ސެނަގާލުން ލީޑު ހޯދިތާ ހަތް މިނެޓުތެރޭ ޖަޕާނުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އިނުއީ ދިން ބޯޅައަކުން ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ތަޖުރިބާކާރު މިޑްފީލްޑަރު ހޮންޑާއެވެ. ސެނަގާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ހޮންޑާއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
މިރޭ 11:00ގައި ކުޅޭ މެޗަކީ ވެސް 'ގްރޫޕް އެޗް'ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ކޮލަމްބިއާއާއި ޕޮލެންޑެވެ.