24 Jun 2018, 21:33
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.
އެ ކައުންސިލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ދަށުން އެކުލަވައިލަންޖެހޭ ކައުންސިލެކެވެ.
އެ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަތުރުތަކުގެ ތެރޭގައި ސައިކެޓްރިސްޓް، ސައިކޮލޮޖިސްޓް ނުވަތަ ކައުންސެލަރަަކަށް ވުން ނުވަތަ އެ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުން ފަސް އަހަރުގެ ފަންނީ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އަދި އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވައި، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ބައްދަލުވުންތަކުގައި މަޝްވަރާއާއި ޚިޔާލުދިނުން ވެސް ކައުންސިލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު ދެވަނަ ދުވަހު 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަޙަޅަންޖެހޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.