24 Jun 2018, 16:42
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާ މެންދުރު އެކެއް ޖަހާއިރަށް ތާވަލުކުރި މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ ތިން ބިލެއްގެ ފުރަތަމަ ކިއުން އެޖެންޑާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ދެ ބިލަކާއި އިންތިޚާބުތަކުގެ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
ސަރުކާރުގެ ފަރާތުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ.
އިންތިޚާބުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތަފްސީލު އަދި ނުލިބެއެވެ. އެ އިސްލާހުތައް ހުށަހެޅީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބީ ނިޒާމަށް ބަދަލު އަންނަ ވަރުގެ އިސްލާހެއް ގާނޫނަށް ގެންނަން ނިންމާފައިނުވާ ކަމަށެވެ.