24 Jun 2018, 15:05
ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރުމަށް މާލެ އަތޮޅުން ފަސް ފަޅެއް މި އަހަރު ނިމުމުގެ ކުރިން ހުޅުވާލާނެ ކަަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކ. މާފުށި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް އެ ރަށަށް މިއަދު ވަޑަައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ޖާގަ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް ޖާގަ ލިބިވަޑައިގެންފި ނަމަ މާލެ އަތޮޅުން ފަސް ފަޅެއް ޓޫރިޒަމަށް ހުޅުވާލާނެ ކަމަށެވެ.
"މާލެ އަތޮޅުގަ މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ އިރާދަ ކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޖާގަ ލިބިއްޖެ ކަމަށްވާނަމަ މި އަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން އިއުލާންކުރާނަން މާލެ އަތޮޅުން ފަސް ފަޅެއް. އެއީ ޓޫރިޒަމްގެ ބޭނުންތަކަށް ތަރައްގީ ކުރަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޓޫރިޒަމަކީ ބޯދާ ހިޔާލުތައް ދޫކޮށްލުމަށްފަހު ނުވަތަ އެ ހިޔާލުތަކަށް ނުބަލާ ތަރައްގީ ކުރަން ވިސްނައިފިނަމަ ބޭނުން ވަރަކަށް ތަރައްގީކޮށް އެކަމަކުން މަންފާ ނެރެވިދާނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ބިން ކޮޅު ކުޑަވުމާއި ބިން މަދުވުމަކީ އެއް އިރެއްގައި ގޮންޖެހުމެއް ކަމަށް ބަޔަކު ދުށް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި ބިން މަދު ނޫންކަން ކަަމަށާއި ރާއްޖޭގެ ބިމުގެ މުއްސަނދިކަން އިތުރު ކުރެވޭނެ ކަން ކަމަށެވެ.
" މި އިންނެވީ އެމްޓީސީސީގެ ސީއީއޯ ޒިޔަތު. ޒިޔަތު ބުނުއްވާނެ ބިން އިތުރުކޮށްދެއްވާނަމޭ. އެހެންވީމަ އެއީ މިހާރު އަޅުގަނޑުމެން ވިސްނާ ކަމެއް ނޫން. އެއީ ތަން ކޮޅެއް ބޯދާ ހިޔާލެއް،" ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ގެނެސްފައިވާ މަހާ ޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުން ފަސޭހަ ކަމަކަށް ވެފައިވާ ކަން ދޭހަކޮށްދޭ ގޮތަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށްދާންވީ ހަރުދަނާ އަޒުމެއްގެ މަތިން ކަަމަށާއި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ނުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ފަޅުވެރިންވެސް ގަބޫލު ކުރަންވާނީ ކައްޕި އެގޮތަށް ހުރިކަމަށް ވަންޏާ ތިމަންނަ މެންނަށް ގިރާ ނުކުރެވޭނެ ހުރަހެއް ނޯންނާނޭ،" ރައީސް ވިދާޅުވިއެވެ.
މާލެ އަތޮޅުގައި އަލަށް ފަސް ފަޅެއް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 15 މިނިޓުން ދެވޭ، އަދި މާލެއާއި ހުޅުމާލެއާ އެންމެ އަށް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫފަޅުގައި ގުޅި ލާމެހިފައިވާ ހޮޓެލްތަކާއި، މުނިފޫހިފިލުވުމުގެ މަރުކަޒުތަކާއި، ރީޓެއިލް ފިހާރަތަކާއި، އަދި މަތީ ފެންވަރުގެ ކެއިންބުއިމުގެ ރެސްޓޯރެންޓްތައް ހިމެނޭ ގޮތަށް ސަރުކާރުން ދަނީ އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.