އެމްއެންބީސީން މިއަހަރު އީދު ހަދިޔާގެ ގޮތުގައި ދިން ލޯންޗު، އެންއެންބީސީގައި ޕާޓްޓައިމްކޮށް މަސައްކަތްކުރާ އަންހެން ޕްރެޒެންޓަރެއްގެ ބައްޕައަށް ލިބިއްޖެ އެވެ.

އެންއެންބީސީން މިފަހަރު ހުށަހަޅާފައިވާ ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމަކީ ގަލްފް ކްރާފްޓުން ހުށަހަޅާފައިވާ ސްވޯން20 މަރުކާގެ ލޯންޗަކާއި ހަސަން މެރިން އިން ހުށަހަޅާފައިވާ މާކިއުރީ އައުޓްބޯޑް އިންޖީނެކެވެ.

އެމްއެންބީސީން އީދު ހަދިޔާ ދިނުމަށް މިދިޔަ ހުކުރުވިލޭރޭ ކާނިވަލުގައި ބޭއްވި އީދު ޝޯގައި ކޮންޕިއުޓާ ރޯލްކުރަމުން ދިޔަ ނަމްބަރުތަކުގެ ތެރެއިން ގުރުއަތުން ދިމާވި ނަމްބަރު 7981242 ގެ ވެރިފަރާތަކީ މ.ޕެޓީ ވިލާ، މުހައްމަދު ޝާހިދު އެވެ. އޭނާއަކީ އެމްއެންބީސީން ގެނެސްދޭ "ނަލަ" ޕްރޮގްރާމްގެ ޕްރެޒެންޓާ އަދި ރޯދަމަހު ގެނެސްދިން ދިރާގު މައިޓޯންގެ ޕްރެޒެންޓަރު އައިޝަތު ޝާޔާން ޝާހިދުގެ ބައްޕަ އެވެ.

އެންއެންބީސީގެ އީދު ހަދިޔާ ކުރިން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އިއްޔެ އެވެ. ނަމަވެސް އިއްޔެއަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމުން އެ އިނާމް މިހާރު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

އެންއެންބީސީ ޗެނަލް ވަންގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހަންމަދު އާސިފް )މޮންދު( މިއަދު ވިދާޅުވީ އެންއެންބީސީ އީދު ހަދިސާ ދިނުމުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެތަނުގެ ފުލް ޓައިމް މުވައްޒަފަކަށް ނުވަތަ އޭނާގެ އިމީޑިއެޓް ފެމިލީ ) ދަރިން، އަނބިން ފިރިން( އަދި ބިދޭސީއަކަށް ލިބިއްޖަނަމަ އަލުން ގުރުއަތު ނަގާނެ ކަމަށެވެ.

" ޕާޓް ޓައިމް ޕްރެޒެންޓަރުންނަކީ އަޅުގަނޑުމެންނަށް ވިޔަފާރި އުސޫލުން މަސައްކަތްކޮށްދޭ ބައެއް. އެ އުސޫލުން ހުރި މީހެއް ޝާޔަން އަކީވެސް. އެއީ މިތަނުގެ މުވައްޒަފެއް ނޫން،" މޮންދު ވިދާޅުވި އެވެ.

އެންއެންބީސީގެ މިއަހަރުގެ އީދު ހަދިޔާއަށް 1.5 މިލިއަނަށްވުރެ ގިނަ އެސްއެމްއެސް ލިބިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.