ކ. މާފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ.

އެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު އެ ރަށަށް ވަޑައިގެން ރަސްމީކޮށް އެކަން ފާހަގަކުރައްވައިފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދާ އެ މަޝްރޫއު ފެށީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

ކ.މާފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރުއުގެ ނިމުން ފާހަގަ ކުރުން/ފޮޓޯ/ އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން މާފުށީ ގިރާ ސަރަހައްދަށް 5،000 ކޮޑި މީޓަރުގެ ވެލި އަޅާފައިވާ އިރު 440 މީޓަރުގައި ބޮޑު ހިލަ ވަނީ ޖަހައިފަ އެވެ. މިއީ ސަރުކާރުން 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރުއުއެކެވެ. މަޝްރޫއު ނިންމާފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ކ.މާފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރުއުގެ ނިމުން ފާހަގަ ކުރުން/ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީ އިން ބުނީ އެ އެ މަޝްރޫއު ނިމުމުން މާފުއްޓަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ މުޅިން ހައްލުވެފައިވާ ކަމަށެވެ.

ރައިސް ޔާމީން މިހާރު ކ. އަތޮޅަށް ކުރައްވާ ދަތުރު ފުޅުގެތެރެއިން އެންމެ ފުރަތަމަ ވަޑައިގަތީ ތުލުސްދޫއަށެވެ. އަދި އެ ރަށުގެ ބަނދަރު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފަ އެވެ.