24 Jun 2018, 13:40
ދިމިޝްގު (ޖޫން 24): ސީރިއާއަށް އިރާގުން ދިން ވައިގެ ހަމަލާއެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ 45 ލީޑަރަކު މަރާލައިފި ކަމަށް އިރާގުން ބުނެފި އެވެ.
އިރާގުން ބުނި ގޮތުގައި އެހަމަލާ ދީފައި ވަނީ ސީރިއާގެ އިރުމަތީގައި އޮންނަ ހަޖިންގައި އައިއެސްގެ ލީޑަރުންތަކެއް ބޭއްވި ބައްދަލުވުމަކަށެވެ. އަދި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީގެ އަރިސް ފަރާތަކާއި އެޖަމާއަތުގެ ޑެޕިއުޓީ ވޯ މިނިސްޓަރު ހިމެނޭ ކަމަށް އިރާގުގެ މީޑިއާއަކުން ބުންޏެވެ.
އިރާގުގެ އަސްކަރިއްޔާ އިން ދަނީ އެގައުމާއި ސީރިއާއާ ގުޅޭ ބޯޑަރު ކައިރީގެ ސަރަހައްދުތައް ހިފާފައިވާ އައިއެސްގެ ގުރޫޕުތަކާ ހަނގުރާމަކުރަމުންނެވެ. އެހަމަލާތައް ދެމުންދަނީ ސީރިއާގެ ސަރުކާރާ ގުޅިގެންނެވެ.
އިރާގާއި ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން ބުނި ގޮތުގައި އެސަރަހައްދުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ބިންތަކުގެ ތެރެއިން 98 ޕަސެންޓު ބިމުން މިހާރު ވަނީ އެޖަމާއަތުގެ ބާރު ކަނޑުވާލާފައި އެވެ. (ބީބީސީ)