24 Jun 2018, 13:11
އަންކާރާ (ޖޫން 24): ތުރުކީގައި މިއަދު ބާއްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ. އެއީ އެދެ އިންތިހާބު އެގައުމުގައި އެއް ފަހަރާ ބާއްވާ ފުރަތަމަ ފަހަރެވެ.
ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެވަނަ ދައުރަކަށް ކުރިމަތިލައްވާ އެއިންތިހާބުގައި އޭނާއާ އެއްމެ ގާތުން ވާދަ ކުރައްވަނީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ކެނޑިޑޭޓު މުހައްރަމް އިންޗޭ އެވެ.
ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެ ގައުމު އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެވެ. އަދި މީގެ ކުރިން ފިޒިކްސް ޓީޗަރުކަމާއި މަޖިލިސް މެމްބަރުކަން ކުރެއްވި އިންޗޭ ވަނީ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ 48 ގަޑި އިރުތެރޭ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް 11 އަހަރު ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު 2014 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެންނެވި އުރުދުޣާން ވަނީ ވެރިކަން ކުރެވޭ ވަރަށް އިންޗޭގެ ތަޖުރިބާ ނެތް ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު ތުރުކީގައި ބޭއްވި ފެންނަ ނުފެންނަ ވޯޓެއްގައި އެގައުމުގެ ރައްޔިތުން ވަނީ ގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލު ކުރުމަށާއި ރައީސްގެ ބާރުތައް އިތުރަށް ވަރުގަދަ ކުރުމަށް ރުހުން ދީފަ އެވެ.
އެގައުމުގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކުގެ ދަށުން ބޮޑުވަޒީރުގެ މަގާމު އުވާލައި ނައިބު ރައީސުންނާއި މިނިސްޓަރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރުގެ ރައީސަށް ލިބޭނެ އެވެ.
މިއަދު ބާއްވާ އިންތިހާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އަންނަ މަހުގެ ހަތެއްގައި ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނެ އެވެ. (އަލްޖަޒީރާ)