ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެން ދެމުމަށް ވައި ފުޅި އަޅައިގެން ފީނީ މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:30 އެހާކަންހާއިރު ކަމަށާއި އަދި އެ ހާދިސާގެ މައުލޫމާތުލިބުމާ އެކު ގއ. ވިލިނގިލި ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް އޭނާ ނަގައިފައިވާ ކަމަށެވެ.

އެ ހާދިސާގައި ޑިކޯވީ 41 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އޭނާއަށް އިތުރު ފަރުވާ ދިނުމަށް މިއަދުގެ ހެނދުނު 10:30 ކަން ހާއިރު ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.