ރިޔާޒު(ޖޫން 24): އަންހެނުންނަށް ކާރު ދުއްވުން މަނާކޮށްފައި އޮތް ހަމައެކަނި ގައުމު ކަމަށްވާ ސައުދީ އަރަބިއާގައި ރެއިން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީފިއެވެ.

ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެގައުމަށް ގެންނަވާ އިގުތިސާދީ އަދި އިޖުތިމާއީ ބަދަލުތަކުގެ ދަށުން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ނިންމެވީ މިދިޔަ އަހަރެވެ. އަދި މިމަހުގެ ހަތަރެކުން ފެށިގެން އެގައުމުން ވަނީ އަންހެނުންނަށް ޑްރައިވިން ލައިސެންސް ދޫކުރަން ފަށައިފައެވެ.

ނަމަވެސް އެހުއްދަ ދީފައި ވަނީ އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް ގޮވާލާ އަށް އެކްޓިވިސްޓަކު މިދިޔަ މަހު ހައްޔަރުކޮށްފައި ވަނިކޮށެވެ. އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް ގޮވާލުމުގައި އިސްކޮށް އުޅުނު އެއެކްޓިވިސްޓުން ހައްޔަރު ކުރީ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ތުހުމަތުގައެވެ.

"އެމީހުން ވީ ތަނެއް އެއްވެސް ބަޔަކަށް ނޭނގެ. އެމީހުންނަށް ވަކީލުން ހަމަޖައްސާފައިވާ ކަމެއް. އިންސާފު ލިބިމުގެ ފުރުސަތު އޮތް ކަމެއް ނޭނގެ. އެމީހުންގެ ހާލަތާ މެދު ވަރަށް ކަންބޮޑުވޭ،" އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އީކުއާލިޓީ ނައުއިން ބުންޏެވެ.

ސައުދީ އަރަބިއާގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް ގޮވާލާތާ ގިނަ އަހަރުތަކެއްވެއްޖެއެވެ. އެގޮތުން 1990 ވަނަ އަހަރު 40 އަންހެނަކު ވަނީ އަންހެނުން ކާރު ދުއްވުން މަނާ ކުރާ ގަވާއިދާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ގޮތުން ވެރިރަށް ރިޔާޒުގައި ކާރު ދުއްވާފައެވެ.

އަދި 2007 ވަނަ އަހަރު އެގައުމުގެ އެކްޓިވިސްޓުން ވަނީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް އެދި އަބްދުﷲ ރަސްގެފާނަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ. އެއަށް ފަހު އޭގެ ތެރެއިން އެއް އެކްޓިވިސްޓަކު ކަމަށްވާ ވަޖީހާ އަލް ހުވައިދަރު ވަނީ އޭނާ ކާރެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އޮންލައިންކޮށް ހިއްސާކޮށްފައެވެ. ހަމަ އެގޮތަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސައުދީ އަރަބިއާގެ ގިނަ އަދަދެއްގެ އަންހެނުން ވަނީ އެމީހުން ކާރު ދުއްވާ މަންޒަރު ފެންނަ ވީޑިއޯ އޮންލައިންކޮށް ހިއްސާކޮށްފައެވެ. (އަލްޖަޒީރާ)