ކ. ތުލުސްދޫގައި ސަރުކާރުން ތަރައްގީކުރި ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގައި ތުލުސްދޫއަށް ވަޑައިގަތުމަށްފަހު އެމެނިކުފާނެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ލޯނު އެހީ އާއި ދައުލަތުން ހަރަދު ކޮށްގެން ތަރައްގީކުރި ތުލުސްދޫ ބަނދަރަކީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީކުރި ބަނދަރެކެވެ.

ޖުމްލަ 2.6 މިލިއަން ޑޮލަރު (40 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ) ހަރަދު ކޮށްގެން އެ ބަނދަރުގެ އަމަލީ އަމަލީ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

އެގޮތުން މިއަދު އެ ބަނދަރަކީ 800 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެކެވެ. އަދި 110 މީޓަރުގެ ރިވެޓްމަންޓެއް ގާއިމްކޮށްފައިވާއިރު، 290 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ގާއިމް ކޮށްފައެވެ.

ރައީސް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެ އަތޮޅު ގުރައިދޫ އަދި މާފުއްޓަށެވެ.

ރައީސްގެ އަރިހުގައި އެ ދަތުރުފުޅުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމްގެ އިތުރުން ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ސަރުކާރުގެ ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.