ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

ރައީސް ޔާމީން މިއަދު ވަޑައިގަންނަވަނީ ކ. އަތޮޅު ގުރައިދޫ، ތުލުސްދޫ އަދި މާފުއްޓަށެވެ.

މި ދަތުރު ފުޅުގައި ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތުލުސްދޫއަށެވެ. އެ ރަށަށް ވަޑައިގެން މި ސަރުކާރުން ހަދާފައިވާ ބަނދަރު ހުޅުއްވައި ދެއްވައި ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ.

ތުލުސްދޫއަށް ފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ މާފުށްޓައްށެވެ. މާފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރުއު އެމަނިކުފާނު މި ދަތުރުފުޅުގެ ތެރެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެ އެވެ.

މާފުއްޓަށް ފަހު ދެން ވަޑައިގަންނަވާނީ ގުރައިދޫ އަށެވެ. އެރަށަށް ވަޑައިގެން މިސަރުކާރުން ގައިމު ކުރި ބަނދަރާއި ބޯފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.