ދިމިޝްގު(ޖޫން 24): ސޫރިޔާގެ އެހެން ސަރަހައްދުތައް އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުން މިނިވަންކުރި ގޮތަށް ދެކުނުގެ ސަރަހައްދުތައްވެސް ބޭރުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުން މިނިވަންކުރާނެކަމަށް ރައީސް ބައްޝާރުލްއަސަދު ވިދާޅުވެއްޖެއެވެ.

ބައްޝާރު އާ ހަވާލާދީ ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" ބުނިގޮތުގައި ބޭރުގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ އަތްދަށުގައިވާ ހުރިހާ ސަރަހައްދުތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަމަށާއި މިކަމާމެދު އެއްވެސް ފަރާތަކަށް ސުވާލު ނުކުރެވޭނެ ކަމުގައެވެ.

އެމެރިކާއާއި އިސްރާއީލުވަނީ ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކަކީ އިސްރާއީލުގެ ސަރަހައްދީ ރޮނގާ ކައިރީގައިވާ ސަރަހައްދުތަކެއް ކަމަށްވެފައި އެއީ އިސްރާއީލުގެ އަމަނާއި ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށްވާތީ އެތަންތަން މިނިވަންކުރުމުގެ އަސްކަރީ އޮޕަރޭޝަން ނުފެށުމަށް ސޫރިޔާ ސަރުކާރަށް އިންޒާރުކޮށްފައެވެ. އަދި އެސަރަހައްދުތައް މިނިވަންކުރުމުގެ ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި ސޫރިޔާ ސިފައިންނަށް އެހީތެރިނުވުމަށް އެމެރިކާއާއި އިސްރާއީލުންވަނީ ރަޝިޔާއަށްވެސް ގޮވާލާފައެވެ.

ނަމަވެސް ދިމިޝްގުގެ ދެކުނުގައިވާ ސަރަހައްދުތަށް އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުން މިނިވަންކުރުމުގެ އަސްކަރީ އޮޕަރޭޝަން ސޫރިޔާ ސިފައިންވަނީ މިދިޔަ ހަފްތާގައި ފަށާފައެވެ. ރަޝިޔާގެ އެއްބާރުލުމާއި ރުހުން ނެތި ސޫރިޔާ ސިފައިން މި އޮޕަރޭޝަން ކުރިޔަށް ނުގެންދާނެ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

ސޫރިޔާގެ ދެކުނާއި ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅެނީ އެމެރިކާއާއި ތުރުކީއާއި ގަތަރާއި ސައޫދީގެ އެހީ ލިބޭ ޖަމާއަތްތަކާ މަދުއަދަދެއްގެ އައިއެސް ހަނގުރާމަވެރިންނެވެ. މި ހަނގުރާމަވެރިންވަނީ އެންމެ ފަހު މީހާއާ ޖެހެންވެސް އެތަންތަނުގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ވައުދުވެފައެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުން ސޫރިޔާގެ ދެކުނާއި ހުޅަނގު ދެކުނުގެ ސަރަހައްދުތަށް މިނިވަން ކުރެވިއްޖެނަމަ ސޫރިޔާގައި ދެން ސަރުކާރުގެ ކޮންޓްރޯލް ނޯންނާނީ ސޫރިޔާގެ އުތުރާއި ފުރާތު ކޯރުގެ އިރުމަތީގައިވާ އެމެރިކާ ސިފައިން ތިބޭ ސަރަހައްދުތައް އެކަންޏެވެ. ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް 80 އިންސައްތަ ބިމުގެ ކޮންޓްރޯލް މިހާރު ސޫރިޔާ ސިފައިން ވަނީ އަތުލާފައެވެ.

ސޫރިޔާގެ ދެކުނާއި ހުޅަނގު ދެކުނުގެ ސަރަހައްދުތަށް މިނިވަންކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގައި ހޮނިހިރު ދުވަހު ސޫރިޔާގެ ލަޝްކަރުތައް ވަނީ ދިރްޢާ ސިޓީގެ ކައިރީގައިވާ ރަށްފުށުގެ ބައެއް ސަރަހައްދުތަކަށް ވަދެގެންފައެވެ. ސޫރިޔާ ސިފައިން ގެ ލަޝްކަރުތަކުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރްޢާ ސިޓީގެ އިރުމަތީގައިވާ ބައެއް ވިލެޖްތަކުން އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ފައްސާލައި އެތަންތަން ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފި ކަމުގައެވެ.

ސޫރިޔާ ސިފައިން މިހާތަނަށް މިނިވަންކުރި ދެކުނުގެ ސަރަހައްދުތަކުގެ ތެރޭގައި ބުސްތާން ސަރަހައްދުގެ ވިލެޖްތަކާއި ޝޫމުރިއްޔާ ސަރަހައްދު ހިމެނެއެވެ. މިކަމާބެހޭގޮތުން އެމެރިކާއާއި އިސްރާއީލުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)