10 Sep 2011, 17:50
ހިރިޔާގެ ދަރިވަރުން ހުރައަށް ކުރި ދަތުރުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ނަފްސާނީ ގެއްލުން ލިބިފައިވާ ދަރިވަރުންނާއި މީހުނަށް އެހީވެދޭނެ ކައުންސެލަރުންގެ ޓީމެއް އެކުލަވާލައި
ހޮޓްލައިނެއް ގާއިމްކޮށްފި އެވެ.
ފިޝަރީޒް ސައިންސްގެ ފީލްޑް ޓްރިޕްގައި އިއްޔެ ކ. ހުރައަށް ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް އަލީ ނާޒިމް ގެނބިގެން މަރުވި ހާދިސާއާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން މިއަދު ބުނީ ހިތާމަވެރި ހުރާ ދަތުރުގައި ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން އެ ހާދިސާގައި ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ އެންމެނަށް އެހީތެރި ވެދިނުމަށް ގާތްގަނޑަކަށް 40 ކައުންސެލަރުން ސައިކޯ ސޯޝަލް ސަޕޯޓް ޓީމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އަދި ހިރިޔާސްކޫލް ގުޅިގެން މިއަދު ހިރިޔާ ސްކޫލްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ފެމިލީ ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ އެކުލަވައިލި ސައިކޯ ސޯޝަލް ސަޕޯޓް ޓީމަކީ ހިލޭ ސާބަހަށް މަސައްކަތް ކުރަން އަމިއްލައަށް އިސްނެގި ކައުންސެލަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށެވެ. ހާދިސާއާ ގުޅިގެން ނަފްސާނީ ގެއްލުން ލިބިފައިވާ އެންމެން އާއްމު ހާލަތަށް އަންނަންދެން އެ ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ލުބުނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާއްސަކޮށް ހިރިޔާ ސްކޫލްގެ ދަރިވަރުންނަށް އަދި އައިޖީއެމްއެޗްގެ ނަރުހުންނާއި އިއްޔެ އެ ކަމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންނަށް ވެސް ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވޭ. އެ ހުރިހާ ފަރާތްތަކަށް ވެސް ސައިކޯ ސޯޝަލް ސަޕޯޓް ޓީމުން އެހީތެރިވެދޭނެ،" ލުބުނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިރިޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނާއި ސްޓާފުންނަށް ވެސް ވަނީ ކޮންމެވެސް މިންވަރަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށާއި އިއްޔެގެ ހާދިސާއިން ސަލާމަތްވި ދަރިވަރަކު މިހާރު ވެސް އައިޖީއެމްއެޗްގައި އެބައޮތް ކަމަށެވެ. އެ ކުއްޖާއަށް ވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.
ހުރާގެ ހާދިސާގައި ނަފްސާނީ ގޮތުން ގެއްލުން ވެފައިވާ މީހުން ގުޅުމަށް ދިރާގުން ވަނީ ހޮޓްލައިން އެއް ގާއިމް ކޮށްދީފައެވެ. ހޮޓްލައިން ނަމްބަރު 3010005 އެވެ. އެ ނަމްބަރަށް ގުޅުމުން ކައުންސެލަރުންގެ އެހީތެރިކަން ލިބޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން ހިތާމަވެރި މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ގާނޫނުގެ ދަށުން އާ ގަވާއިދެއް އެކުލަވައިލުމުގެ މަސައްކަތް އެޑިއުކޭޝަނާއި ހެލްތު މިނިސްޓްރީން އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ވެސް ލުބުނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެންނާ އެޑިއުކޭޝަނާ ގުޅިގެން، ސްކޫލްކުދިން ދަތުރު ގެންދިއުމާ ބެހޭ ގަވައިދެއް އެކުލަވައިލުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ކުރިއަށް ގެންދާނަން،" ލުބުނާ ވިދާޅުވިއެވެ.
އިއްޔެގެ ހާދިސާގައި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ނިޔާވެފައި ވާތީ އެ ސްކޫލް ހިންގެވުން މިހާރު ވަނީ ތައުލީމީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅެއް ކަމަށްވާ ޖަމީލާ އަލީއާ ހަވާލުކޮށްފަ އެވެ.
ހިރިޔާ ސްކޫލްގެ 32 ދަރިވަރުންނާއި ޓީޗަރުންތަކެއް އިއްޔެ ހުރާގެ ކޭމްޕަށް ގޮސް އުޅުމުގެ ތެރޭ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް އަލީ ނާޒިމް ވަނީ މޫދަށް ގެނބިގެން މަރުވެފަ އެވެ. ހިރިޔާ ދަރިވަރުން ހުރައަށް ދިޔައީ ފިޝަރީޒް ސައިންސް ޕްރޮޖެކްޓެއް ފުރިހަމަ ކުރުމަށެވެ.