24 Jun 2018, 09:20
ފީފާ ވޯލްޑް ކަޕް 'ގްރޫޕް އީ'ގައި ސާބިއާއާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ކުޅުނު ވާދަވެރި މެޗުގައި ގޯލް ޖެހުމަށްފަހު ސްވިޒަލެންޑްގެ ގްރެނިޓް ޒަކާ އާއި ޒެރްދާން ޝަކީރީގެ ފަރާތުން ވެސް ފެނިގެންދިޔަ ސެލެބްރޭޝަން ދާދި އެއްގޮތެވެ. ދެ ކުޅުންތެރިން ވެސް ލަނޑު ޖެހުމަށްފަހު އަތުން ދެއްކީ ދޫންޏެއްގެ އިޝާރާތެވެ.
ޒަކާ އާއި ޝަކީރީގެ ގޯލް ސެލެބްރޭޝަންގެ މައްސަލަ، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ބަލަން ފަށައިފައެވެ. އެ މެޗުގެ ކުރިން ވެސް އެކަންކަމާ ގުޅޭގޮތުން ފީފާއިން ދެ ޓީމާ މަޝްވަރާކޮށްފައިވެއެވެ.
އެ މެޗުގައި ސާބިއާއިން ގޯލެއް ޖަހާފައި ވަނިކޮށް، ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޒަކާއެވެ. އަދި ފަހު ވަގުތު ސްވިޒަލެންޑަށް ތިން ޕޮއިންޓް ކަށަވަރުވީ ޝަކީރީގެ ގޯލުންނެވެ. އެ މެޗުން ސްވިޒަލެންޑް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

ސްވިޒަލޭންޑާއި ސާބިއާ ކުޅުނު މެޗުގައި ގޯލް ޖެހުމަށްފަހު ޒަކާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
އެ މެޗުގައި އުފާފާޅުކުރުމުގެ ގޮތުން ޒަކާ އާއި ޝަކީރީ އަތުން ދައްކައިދިނީ އަލްބޭނިއާގެ ދިދައިގައި ހިމެނޭ ބާޒެވެ. ބޮޑަށް ފާހަގަވީ އަލްބޭނިއާ އާއި ސާބިއާގެ ސިޔާސީ ވާދަވެރިކަމެއްގެ ގޮތުގައެވެ. ސަބަބަކީ ދެ ކުޅުންތެރިންގެ އާއިލާ ވެސް އަލްބޭނިއާއަށް ނިސްބަތްވާތީއެވެ.
ޒަކާގެ މަންމައާއި ބައްޕައަކީ ވެސް އަލްބޭނިއާގެ ރައްޔިތުންނެވެ. ސާބިއާ ނިސްބަތްވާ ޔޫގޯސްލޯވިއާގެ އަޅުވެތިކަން ކޮސޯވޯގައި އޮތް އިރު، އެކަމާ ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރޭގައި ހިމެނުމުން ޒަކާގެ ބައްޕައަށް ގިނަ ދުވަސްތަކެއް ވަންދެން ސާބިއާގެ ޖަލުގައި ހޭދަކުރަން ޖެހުނެވެ.
ޝަކީރީއަކީ ކޮސޯވޯގެ ޖިލަންއަށް އުފަން ރައްޔިތެކެވެ. އޭނާގެ ބައްޕަ ކޮސޯވޯއަށް ނިސްބަތްވި ނަމަވެސް އޭނާގެ މަންމަ ނިސްބަތްވަނީ އަލްބޭނިއާއަށެވެ. ޝަކީރީގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ އާއިލާއަށް ވަނީ ސްވިޒަލޭންޑަށް ހިޖުރަކުރަން ޖެހިފައެވެ.
އަލްބޭނިއާއާއި ސާބިއާގެ މައްސަލަ ހޫނުވެފައިވަނީ ކޮސޯވޯގެ މިލްކުވެރިކަމުގެ މައްސަލައިގައެވެ. ކޮސޯވޯއަށް 2008 ވަނަ އަހަރު މިނިވަންކަން ލިބުނު ނަމަވެސް، ސާބިއާއިން ވަނީ އެކަން ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.
އެ މެޗުގައި ސާބިއާގެ ސަޕޯޓަރުންގެ އަމަލުތައް ބެހެއްޓިގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ސާބިއަން ފުޓްބޯލް އެސޯސިއޭޝަންއާ ދެކޮޅަށް ވެސް މައްސަލަ ބަލަން ފަށައިފައެވެ. އަދި މެޗަށްފަހު ސާބިއާގެ ކޯޗު ލާޑެން ކްސްޓާޖިޗް ދެއްކި ވާހަކަތަކާ ގުޅިގެން ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެކަން ވެސް ބަލަން ފަށައިފައެވެ.