މިއަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދި އިރު، ޝަރަފުވެރި މިސްޓާ ބައިބަލާގެ މަގާމަށް އެޓީމުގެ މުހައްމަދު ރިލުވާން ހޮވިއްޖެއެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރުކުވެސް ބާއްވަމުން އަންނަ ބައިބަލާ މުބާރާތުގައި ގިނަ އަދަދެއްގެ ޓީމުތައް ބައިވެރިވެއެވެ. މިއަހަރުގެ މުބާރާތުގައިވެސް ޖުމްލަ 32 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ރޭ ވާދަކުރީ ބުރު ސްޕޯޓްސް ކްލަބާއި އެމްސީ ސްޕޯޓްސް ކްލަބެވެ.

އެ ދެޓީމު ވާދަކުރި ފުރަތަމަ ދެ ގޭމް އެއްވަރުވުމުން މެޗު ދިޔައީ ގަދަ ހިފުމަށެވެ. ބުރު ސްޕޯޓްސްއިން ގަދަ ހިފުން ކާމިޔާބުކުރީ ގަދަހިފުމުގެ ތިންވަނަ ހިފުން ކާމިޔާބުކޮށްގެންނެވެ.

މީގެ ކުރިން 2007 ވަނަ އަހަރުވެސް ބުރު ސްޕޯޓްސް ކްލަބުން ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ އިރު، ރޭގެ ފައިނަލަށް ފަހު، މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީއާއި ހަނދާނީލިޔުން އަދި ޗެމްޕިއަން ޓީމަށް ތަށްޓާއި ރަން މެޑަލް ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • އަލީ ވިޖުހާން - ބުރު ސްޕޯޓްސް ކްލަބު

  • ފަރަހް ޝާމް - ބުރު ސްޕޯޓްސް ކްލަބު
  • ސަލާހް - މަސްއޮޑި ސްޕޯޓްސް ކްލަބު
  • މުހައްމަދު މިރުސާލް ޔާސިރު - އެމްސީ ސްޕޯޓްސް ކްލަބު
  • އަހުމަދު މުއާޒް - ކުޑަހެންވޭރު ޔުނައިޓެޑް