10 Sep 2011, 17:10
ކ. ހުރާއަށް ދަތުރު ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އާއި އެސްކޫލްގެ ހަތަރު ކުދިން ގެނބިގެން މަރުވެފައިވާއިރު އެ ހާދިސާގައި ފުންގަނޑަށް ގެނބުނު ކުދިންގެ ތެރެއިން މޫދު އަޑީ އޮތް ދެ ކުއްޖަކު ސަލާމަތްވި ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ހުރާއަށް ދަތުރު ގޮސް އުޅުނު ހިރިޔާ ސްކޫލްގެ 32 ދަރިވަރުން އިއްޔެ ހެނދުނުގެ ނާސްތާއަށްފަހު މޫދަށް އެރިފައި ވަނީ 8:45 ކަންހާއިރު އެވެ. އެ ހާދިސާގައި ހިނގިކަން ކައުންސިލަށް އެނގުނީ ހެނދުނު 9:45 ކަންހާއިރު އެވެ.
ހުރާ ކައުންސިލަރު މުހައްމަދު އަބްދުއްރަހުމާނު ސޮލާހު ރަޝީދު މިއަދު ވިދާޅުވީ އެ ކުދިން އެރި އުޅުނު ސަރަހައްދަކީ އެރަށު އުތުރުކޮޅުގައި މީހުން ނޫޅޭ ސަރަހައްދުގައި އޮންނަ ސަރަހައްދެއް ކަމަށާއި އެ ކުދިން ގެނބިފައި ވަނީ ޔޫތް ކޭންޕް ޖަހަންވެގެން މީގެ 10 ވަރަކަށް އަހަރު ކުރިން އެ ސަރަހައްދުގައި ކޮނެފައިވާ ފުންގަނޑަކަށް ކަމަށެވެ.
މިހާދިސާގައި ސަލާމަތްވި ކުދިންނާ ހަވާލާދީ ސޮލާހު ވިދާޅުވީ ހިރިޔާ ސްކޫލްގެ ގްރޭޑް ނުވައެއް އެފުން މަރުވި ހަތަރު ކުދިންނަށް ފަތަން އެނގޭ ކަމަށް އެ ކުދިން ބުނެފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގީ މޫދުތެރޭގައި އެކުދިން ސަކަރާތްޖަހަން އުޅުމުގެ ތެރޭގައި އެތަނުން އެއް ކުއްޖަކު ކޮށްޕާލުމުން، އެކުއްޖާ ސަލާމަތް ކުރަން އެހެން ކުދިން އުޅުމުގެ ތެރޭގަ ކަމަށްވެސް ވިދާޅުވި އެވެ.
" ކުދިންތައް ގެނބެން ފެށުމުން ފްރިންސިޕަލް އޭގެތެރެއިން ދެ ކުދިން ސަލާމަތްކޮށްގެން ތިލަ ތަނަށް ގެނައި ކަމަށްވޭ. ނަމަވެސް ދެ ވަނަ ފަހަރަށް ގޮސް ނާދެވުނު ކަމަށް ބުނީ. ޕްރިންސިޕަލް އެނބުރި ދިޔައިރު ފަތަން ނޭނގޭ ކުދިން އެއްގަމަށް އެރުމަށް ގޮވި ކަމަށްވެސް ވޭ،" ސޮލާހު ވިދާޅުވި އެވެ.
ސޮލާހު ވިދާޅުވީ ގެނބިގެން ފުރަތަމަ ހުރާ ހެލްތް ސެންޓަރަށް ގެންދިޔަ ކުއްޖާ ސަލާމަތްވި ކަމަށާއި އެ ހާދިސާގައި ކުދިން ސަލާމަތްކުރަމުން ދިޔަ ޕްރިންސިޕަލް ނެތްކަން އެނގުނީ ދެ ތިން ކުދިން ސެންޓަރަށް ގެނައި ފަހުން ޕްރިންސިޕަލް ވެސް ވީ އަޑީގައި ބުނުމުން ކަމަށެވެ. ޕްރިންސިޕަލް ނެގުނީ މޫދުގެ އަޑީގައި 45 މިނިޓް ވީފަހުން ކަމަށާއި އޭގެ ފަހުން އަޑީގައި އޮތްވާ ނެގި ކުއްޖާ ސެންޓަރަށް ގެންގޮސް ސީޕީއާރު ދިނުމުން ވާހަކަދެއްކި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ހާދިސާގައި ފުންގަނޑު އަޑިން އެންމެފަހުން ނެނގި ކުއްޖާ ވެސް ސަލާމަތްވި ކަމަށް ވެސް ސޮލާހު ވިދާޅުވި އެވެ.
"އެ ފުންގަނޑަށް ހަ ކުދިން ގެނބިފައިވާއިރު ނިޔާވި ހުރިހާ ކުދިން ވެސް ތިބީ ފުންގަނޑުގައި،" ސޮލާހު ވިދާޅުވި އެވެ.
ހުރާއަށް ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ފިޒަރީޝް ޓްރިޕެއް ގޮސް އުޅުނު ސަރަހައްދުގެ މޫދުގައިވާ ފުންގަނޑަށް މީގެކުރިން ވެސް ކުދިން ގެނބުމުގެ ހާދިސާތައް ކުރިމަތިވެފައިވާ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.