23 Jun 2018, 17:03
މިދިޔަ ސީޒަންގެ ހީރޯ އިންޑިއަން އައި ލީގު ކާމިޔާބު ކުރުމަށްފަހު ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ޗެމްޖޮންގް އަނެއްކާވެސް ޓީސީއާ ގުޅިއްޖެއެވެ.
ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ކިރަން ޓީސީއާ ގުޅޭނެ ކަމަށް އެ ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ.
މިދިޔަ ސީޒަންގައިވެސް ޓީސީއަށް ކުޅެ، މޮޅު ކުޅުމެއް ދެއްކުމަށްފަހު ކިރަން ބަދަލުވެފައި ވަނީ އައި ލީގުގެ އެންމެފަހުގެ ޗެމްޕިއަން މިނާވާ ޕަންޖާބަށެވެ. އެޓީމާއެކު ލީގު ކާމިޔާބުކުރި ނަމަވެސް، އޭނާއަށް ގިނަ މެޗުތަކުގައި އިންނަން ޖެހުނީ ބެންޗުގައެވެ. ނޭޕާލް ގައުމީ ޓީމަށް 50 މެޗު ކުޅެދީފައިވާ ކިރަން ވަނީ މިދިޔަ ސީޒަންގެ މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގުގައިވެސް ޓީސީއަށް ކުޅެފައެވެ.
ޓީސީއާއެކު ކިރަން ކުޅުނު ފުރަތަމަ މުބާރާތް ކަމަށްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މުބާރާތާތުގެ ތަށި ޓީސީއަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ.
މި ސީޒަނަށް ޓީސީ ނުކުތީ ބެލަރޫސްގެ ކީޕަރު ޑިމިޓްރީ އަސްނިންނާ އެކުގައެވެ. އެހެން ނަމަވެސް ނަސީބުދިމާކުރި ގޮތުން އޭނާ ޓީސީއާއެކު ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވެ، ސީޒަންގެ ބާކީބައިގައި ފެނިފައެއް ނުވެއެވެ. ސީޒަންގެ ފަހު ކޮޅުގައި އޭނާ އަނިޔާއިން ރަނގަޅުވި ނަމަވެސް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގިނަ މެޗުތަކުގައި ބޭނުން ކޮށްފައި ވަނީ ރާއްޖޭގެ ކީޕަރު އިބްރާހީމް ނަދީމެވެ. އަދި ބައެއް މެޗުތަކުގައި އިފްރާހް އަރީފްވެސް ޓީސީ ގޯލުން ފެނިފައިވެއެވެ.
ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން މި ސީޒަންގެ މާލޭ ލީގާއި އޭއެފްސީ ކަޕްގައިވެސް މޮޅު ކުޅުމެއް ދެއްކި އަލީ އަޝްފާގު (ދަގަނޑޭ)ވެސް ރޭ ޓީސީއާ ގުޅިފައިވާ އިރު، ޓީސީގެ ޓީމު ވަނީ ޕްރިމިއާ ލީގަށް އިތުރަށް ވަރުގަދަ ވެގެން ގޮސްފައެވެ.