މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތަލަށް މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނަމާލެ، މާލޭ ހިޔާ ފްލެޓްތަކަށް ޒިޔާރަތް ކުރުމުން އެނގިގެން ދަނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެ ފްލެޓްތަކަށް އިހުމާލުވެފައިވާ އިންތިހާ ދަރަޖަ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ބާރުގެ ދަށުގައި އޮތް ކައުންސިލުން ރައްޔިތުންނަށް އެހާ އިހާނެތިކޮށް ކަން ކުރަނީ ކީއްވެތޯ މިނިސްޓަރު ވަނީ ސުވާލު އުފައްދަވައިފައެވެ.

ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވަނީ މި ފްލެޓުތައް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހިޔާލު ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ސިނަމާލެ-1 ފްލެޓުގެ ހަތަރު ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގައި އަލިފާންރޯވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަލޮޅު ގައި ހުންނަ މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކަކީ މާލޭގައި އެންމެ ފުރަތަމަ ދިން ފްލެޓުތަކެވެ. މި ތަންތަން މަރާމާތު ނުކުރެވި ފުރާޅުން ފެން ފޭބުން ފަދަ މައްސަލަތައް ދިމާވާތީ އެތަންތަނުގައި ދިރިއުޅޭ މީހުން ކަންބޮޑުވުން ފާޅުކުރެއެވެ. އިމާރާތް މެއިންޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ނުކުރެވޭ ކަމަށް އެމީހުން ބުނެއެވެ.

މި ފްލެޓުތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ މެންޑޭޓުގައި ހިމަނާފައިވާ ކަމެކެވެ.