ކ. ހުރައަށް ދަތުރު ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް މަރުވި، ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕް ރޭވި ފަރާތުން އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް އޮންނަ ގަވައިދު ތަކަށް އަމަލުކޮށްފައިވޭތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރް ޑރ. އަބުދުﷲ ނަޒީރު މިއަދު ވިދާޅުވީ އެ ކޮމިޓީން ހާދިސާއާ ގުޅުން ހުރި ހުރިހާ ތަނަކަށް ގޮސް، އެފަދަ ދަތުރުތަކުގައި އަމަލުކުރަން ޖެހޭ ގަވައިދު ތަކަށް އަމަލުކޮށްފައި ވޭތޯ ބަލަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކޮމެޓީން ހޯދާ މައުލޫމާތުގެ މައްޗަށް އެކުލަވާލާ ރިޕޯޓެއް އަންނަ ބުރާސްފަތި ދުވަހު މިނިސްޓްރީއަށް ހުށައަޅާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"[ހާދިސާއާ ގުޅިގެން] އެބަ ބަލަން ޖެހޭ، މިކަހަލަ ކަންތައްތައް ރާވައި ހިންގުމަށްޓަކައި އެޑިއުކޭޝަން ދާއިރާގައި ތައްޔާރުކުރެވިފައި ހުރި ޕްރޮސީޖާ ތަކާއި އުސޫލުތަކާއި ގައިޑްލައިންތައް އެ އިވެންޓް ރާވައި ހިންގި ފަރާތުން ބަރާބަރަށް ތަންފީޒުކޮށްފައި ވޭތޯ، އެ ކަންތައްތައް ބެލުމަށް ޓަކައި އަޅުގަނޑުމެން މިވަނީ އިންޓާނަލް ކޮމެޓީއެއް އެކުލަވާލާފައި،" ހިރިޔާ ސްކޫލްގައި މިއަދު އޮތް ނޫސްކޮންފަރެންސްގައި ޑރ.ނަޒީރު ވިދާޅުވިއެވެ.

އެޑިއުކޭޝަނުން އެކުލަވައިލި ކޮމެޓީގައި އިސްކޮށް ހުންނަވާނީ ޑރ. އަބުދުލް މުހުސިން މުހައްމަދު އެވެ. އޭގެ އިތުރުން އެ ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ފާތުމަތު އައްޒައާއި ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމާއި ސްކޫލް އެޑްމިނިސްޓްރޭޝަންގެ ހަންނާ އާއި ސެންޓަފޯ ކޮންޓިނިއުއިން އެޑިއުކޭޝަން އާދަމް ޝަރީފާއި އީޑީސީގެ ޑރ. ނާޝިޔާ އެވެ.

ޑރ. ނަޒީރު ވިދާޅުވީ ހިރިޔާ ސްކޫލްގެ ދަތުރުގައި އެއްވެސް ބެލެނިވެރިއަކު ބައިވެރިވެފައި ނުވާ ކަމަށާއި ބެލެނިވެރިން ބައިވެރި ނުކުރީ ކީއްވެކަން އަދި ސާފު ނުވާ ކަމަށެވެ.
ހިރިޔާ ސްކޫލުން މައުލޫމާތު ދިން ގޮތުގައި ދަތުރުގައި ބައިވެރިވި އަށް ޓީޗަރުންނަކީ ވެސް ފަތަން ދަންނަ ޓީޗަރުންނެވެ.

ހިރިޔާ ސްކޫލްގެ 32 ދަރިވަރުންނާއި ޓީޗަރުންތަކެއް އިއްޔެ ހުރާގެ ކޭމްޕަށް ގޮސް އުޅުމުގެ ތެރޭ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް އަލީ ނާޒިމް ވަނީ މޫދަށް ގެނބިގެން ވަނީ މަރުވެފަ އެވެ. ހިރިޔާ ދަރިވަރުން ހުރައަށް ދިޔައީ ފިޝަރީޒް ސައިންސް ޕްރޮޖެކްޓެއް ފުރިހަމަ ކުރުމަށެވެ.