23 Jun 2018, 12:50
އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ ކުރީ އަހަރާ އަޅާ ބަލާއިރު މިއަހަރު ކުޑަކޮށްފިއެވެ.
އިންޑިއާގެ ޓްރޭޑް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެގަމުގެ ނޫހެއް ކަމަށްވާ "ދަ ވަޔާ"އިން ބުނީ ރާއްޖެއާއި އިންޑިއާ އާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުން ކޯޓާ ކަނޑައަޅަނީ ރާއްޖެއިން އެތަކެއްޗަށް ޑިމާންޑް އޮތް މިންވަރަށް ބަލައިފައި ކަމަށެވެ. ކޯޓާ ކުޑަކުރީ ފާއިތުވި ތިން އަހަރު ރާއްޖެއިން މި ބާވަތްތަކަށް އޮތް ޑިމާންޑު ކުޑަވުމުން ކަމަށް ވެސް "ދަ ވަޔާ"ގައި ބުނެފައި ވެއެވެ.
އެ ނޫހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރު އިންޑިއާއިން ރާއްޖެއަށް އެތެރެކުރުމަށް ކޯޓާ ދީފައިވަނީ 59,442.17 މެޓްރިކް ޓަނުގެ ގޮދަން ފުށަށެވެ. މިއަަހަރު ގިދަން ފުށުގެ ކޯޓާއަކަށް ކަނޑައަޅާފައިވަނީ 946.21 މެޓްރިކް ޓަނެވެ. ހަކުރު އެތެރެކުރާ ކޯޓާ ވެސް 11,706.30 މެޓްރިކް ޓަނުން 338.47 މެޓްރިކް ޓަނަށް ދަށްކޮށްފައިވާއިރު، ހަނޑުލުގެ ކޯޓާ ވަނީ 67,640.24 މެޓްރިކް ޓަނުން 24,581.07 މެޓްރިކް ޓަނަށް ދަށް ކޮށްފައެވެ.
މީގެ އިތުރުން ބިހުގެ ކޯޓާ 232,805,000 ބިހުން 111,809,090 ބިހަށް ވަނީ ދަށް ކޮށްފައެވެ. އިންޑިއާ އިން މިދިޔައަހަރު އެތެރެކޮށްފައިވަނީ 11,714.45 މެޓްރިކް ޓަނުގެ އަލުތްވެވެ. އަލުވީގެ ކޯޓާ މިއަހަރު ވަނީ 5,308.70 މެޓްރިކް ޓަނަށް ދަށް ކޮށްފައެވެ. އަދި ހަވާދުގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ 122.23 މެޓްރިކް ޓަނުގެ ކޯޓާ ވަނީ 31.59 މެޓްރިކް ޓަނަށް ދަށް ކޮށްފައެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް، އުދްޔޮގް ބަވަން އާ ހަވާލާދީ "ދަ ވަޔާ" އިން ބުނީ އަސާސީ ކާބޯތަކެތި ރާއްޖެއަށް އެކްސްޕޯޓު ކުރާނެ އަދަދު ކަނޑައެޅީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ ކުޑަކުރުމާ، ދެގައުމުގެ ގުޅުން ހީނަރުުވުމާ ގުޅުމެއް ނެތް ކަމަށާއި ޑިމާންޑާއެއްވަރަށް މިތަކެތީގެ ސަޕްލައި ދަށް ކުރުމަކީ ރައްޔިތުންނަށް އޮތް ލުޔެއް ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ. އިންޑިއާއިން ރާއްޖެއަށް މި ތަކެތި އެތެރެ ކުރަނީ ރާއްޖޭގައި މި ތަކެއްޗަށް އޮތް ޑިމާންޑަށް ބަލާފައިކަމަށްވެސް ބުނެފައިވެއެވެ.