އެޕަލްއިން ނެޓްފްލިކްސް އާ އެއްވަރު ކުރަން ވެސް މިހާރު މަސައްކަތް ފަށައިފިއެވެ. އެމީހުންގެ އަމިއްލަ ސީރީޒްތަކެއް އުފެއްދުމުގެ މަސައްކަތް އެޕަލްއިން އަންނަނީ ކުރަމުންނެވެ. ދާދި ފަހުން ވަނީ ފްރެންޗް ސީރީޒް "ކޯލްސް" އަސްލަކަށް ބަލައިގެން ހަމަ އެ ނަމުގައި ސީރީޒް އެއް އުފައްދަން ނިންމައިފައެވެ.

އެ ސީރީޒް އާއެކު އެޕަލްއިން އުފައްދަން ނިންމާފައިވާ ކޮންޓެންޓުގެ އަދަދު 21 ޝޯއަށް އެރީއެވެ. އެޕަލްއިން އެޕަލް މިއުޒިކްގައި ވެސް ބައެއް ޝޯ ތައް ދޫކޮށްލިއެވެ. އެޕަލް ވޯލްޑް ވައިޑް ވީޑިއޯގެ ނަމުގައި ޕްލެޓް ފޯމެއް ތަރައްގީކޮށް، އެ ޕްލެޓްފޯމަށް ޝޯ ތައް ދޫކޮށްލާނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ބެލެވެއެވެ. އެޕަލް އިން މިހާރު ނިންމާފައިވަނީ އެ ކުންފުންޏަށް ޚާއްސަ ކޮންޓެންޓު އުފެއްދުމަށް އެއް ބިލިއަން ޑޮލަރު ހަރަދު ކުރުމަށެވެ.

އެޕަލްގެ އޮރިޖިނަލް ކޮންޓެންޓް އުފައްދަން އެ ކުންފުނިން ވަނީ އޮޕްރާ ވިންފްރޭ އާއެކުވެސް އެއްބަސްވެފައެވެ. ގިނަ އެނިމޭޓެޑް ފިލްމުތަކުގެ ރައިޓްސް ހޯދަންވެސް އެޕަލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިވަގުތު އޮތް ގޮންޖެހުމަކީ މި އުފެއްދުންތައް ދައްކާނެ ހާއްސަ ޕްލެޓްފޯމެއް ނެތުމެވެ.

ބޮޑެތި ގިނަ ޝޯތަކެއް ބޮޑު ހަރަދު ކޮށްފައި އުފައްދާއިރު އެޕަލްއަށް އޮތް ޕްލަސް ޕޮއިންޓަކީ އެ ކުންފުންޏަކީ ގިނަ ބަޔަކު ދަންނަ ނަމަކަށް ވުމެވެ.